އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޝާ ރޯޒް ސަބަރޓް، އޭނާއަށް ޖިންސީ ގޯނާ ކުރި ސޮނީ ކުންފުނީގެ ޕްރޮޑިއުސަރާއި އެކު އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެމެރިކަގެ މެންހެޓަން ސުޕްރީމް ކޯޓުން ކަނޑައަޅައި، ކެޝާ "ރޮއްވާލުމާއި" ގުޅިގެން އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ޓޭލަރ ސްވިފްޓް ކެޝާއަށް 250،000 އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފި އެވެ.

ކެޝާ ބުނެފައިވަނީ މީގެ 10 އަހަރު ކުރިން، އޭނާގެ ޕްރޮޑިއުސަރ ލޫކަސް ގޮޓްވަލްޑް (ޑރ. ލޫކް) އޭނާއަށް ބޭހެއް ކާންދިނުމަށް ފަހު އޭނާ ރޭޕްކުރި ކަމަށާއި، އޭގެ ފަހުން ޑރ ލޫކް އަންނަނީ އޭނާއަށް ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ ގޮތުންވެސް ތަކުރާރުކޮށް ގޯނާ ކުރަމުން ކަމަށެވެ.

ކެޝާ ހުކުރު ދުވަހު ކޯޓުގައި ރޮނީ -- ފޮޓޯ: ޕޫލް

މިކަމާއި ގުޅިގެން 2014 ވަނަ އަހަރު ކެޝާ، އޭނާގެ ޕްރޮޑިއުސަރާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ވެއްދި އިރު، މިދިޔަ ހުކުރު ދުވަހު ކޯޓުން ނިންމާފައި ވަނީ، ކެޝާއާއި ސޮނީއާއި އެކު ވެފައިވާ ކޮންޓްރެކްޓް ސައްހަ ހާލަތުގައި އޮތް އިރު، ކޮންޓްރެކްޓް އުވާނުލެވޭނެ ކަމަށެވެ.

މެންހެޓަން ސުޕްރީމް ކޯޓުން ކަނޑާއަޅާފައި ވަނީ، ކެޝާ ސޮނީ މިއުޒިކް ދޫކޮށްލައިފި ނަމަ ކުންފުންޏަށް އަގު ނުކުރެވޭނެހާ ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓުގައިވާ ގޮތުން، ކެޝާ ސޮނީގައި އޭނާގެ ޕްރޮޑިއުސާ ޑރ. ލޫކްއާއި އެކު އިތުރު ހަ އަލްބަމް ހަދަން ޖެހޭނެ ކަމަށް ކޯޓުން ބުނެފައި ވެ އެވެ.

ކެޝާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މީހަކާއި އެކު އިތުރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ކޯޓަކުން ކަނޑައެޅުމާއި އެކު، ކެޝާއަށް ހިތްވަރު ދިނުމުގެ ގޮތުން ގިނަ ބަޔަކު ދަނީ އޭނާއަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ.

ކެޝާ --

އެގޮތުން، މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލަރ ސްވިފްޓް އިއްޔެ ވަނީ ކެޝާޢަށް 250،000 ޑޮލަރުގެ ހަދިޔާއެއް ދީފަ އެވެ.

ޓޭލަރ ސްވިފްޓްގެ ތަރުޖަމާނު ބުނެފައިވަނީ، ކެޝާއަށް ކުރިމަތިވެފައިވާ ހިތްދަތި ދަނޑިވަޅުގައި މާލީ އެއްވެސް ކަމެއްގައި އެހީއެއް ބޭނުންވެދާނެ ކަމަށްޓަކައި، ޓޭލަރ ސްވިފްޓް ކެޝާއަށް 250،000 އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ކެޝާއަށް ހިތްވަރު ދިނުމުގެ ގޮތުން ބައެއް އަންހެން ލަވަކިޔުންތެރިން ވަނީ ޓްވީޓު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި މައިލީ ސައިރަސް، އާރިއާނާ ގްރާންޑޭ، ލޯޑް، ޑެމީ ލޮވާޓޯ އަދި ލޭޑީ ގާގާ ހިމެނެ އެވެ.