ރާއްޖޭގެ މުވާސަލާތީ ކުންފުނި، ދިރާގުގެ މިދިޔަ އަހަރުގެ ފަހު ހިއްސާއެއްގެ ގޮތުގައި ކޮންމެ ހިއްސާ އަކަށް 4.69 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ ފަހު އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ބަހަން ބޯޑުން ފާސްކުރީ ހިއްސާ އަކަށް 4.69 ރުފިޔާ ކަމަށެވެ.

ދިރާގުގެ ހިއްސާ އަހަރަކު ދެ ފަހަރު ބަހަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ ފަހު ޑިވިޑެންޓްގެ ގޮތުގައި ހިއްސާއަކަށް ބަހަން ކަނޑައެޅި 4.69 ރުފިޔާއާ އެކު މިދިޔަ އަހަރު ވަނީ ހިއްސާ އަކަށް ޖުމްލަ 9.53 ރުފިޔާ ޖެހިފަ އެވެ.

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން މިރޭ ސަން އަށް ވިދާޅުވީ ދިރާގުގެ މިދިޔަ އަހަރުގެ ފަހު ޑިވިޑެންޑް ގޮތުގައި ޖުމަލަ 356،440،000 ރުފިޔާ ބެހުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ. އެއާ އެކު މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ޖުމްލަ 724،280،000 ރުފިޔާ ހިއްސާދާރުންނަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފަހު އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާދާރުންނަށް ބަހަން ކަނޑައެޅި ފައިސާ ހިއްސާދާރުންނަށް ދޫކުރާނީ އެނުއަލް ޖެނެރަލް މީޓީން އިން ނިންމުންނެވެ.