22 Feb 2016, 21:01
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރޭގައި އެސިޓީގެ ގިނަ ސަރަހައްދުތަކަށް ފެން ސަޕްލައިކުރާ މައި ހޮޅި ފަޅައިގެންގޮސް 10 މިލިއަނަށް ވިރެ ގިނަ މީހުން ފެނަށް ޖެހި އެހީތެރިކަން ބޭނުންވެއްޖެ އެވެ.
ސަރުކާރުން ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ނުދޭކަމަށް ބުނެ ޖެޓް ކޮމިއުނިޓީގެ ގިނަ އަދަދެއްގެ ބަޔަކު ކުރި މުޒާހަރާގައި ފެން ސަޕްލައިކުރާ މައިހޮޅި ފަޅައިގެން ގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެމުޒާހަރާގައި ވަނީ 16 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އެމުޒާހަރާ ހޫނުވެ އާންމުންގެ ގެތަކުގައާއި ރެއިލްވޭ ސްޓޭޝަންތަކުގައި ހުޅުޖަހާ މުދަލަށް ވަނީ ގެއްލުންދީފަ އެވެ.

ދިއްލީގެ ފެން ސަޕްލައިކުރާ މައި ހޮޅި ފަޅައިގެންގޮސް 10 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ފެނަށް ޖެހިފައި -- ފޮތޯ -- އޭއެފްޕީ
ދިއްލީގެ ވޯޓަބޯޑުގެ އިސްވެރިޔާ ކެޝާވް ޗަންދުރާ ބީބީސީގައި ބުނެފައި ވަނީ ފެނުގެ އާންމު ހާލަތަށް ރުޖޫއަވުމަށް ތިނެއް ނުވަތަ ހަތަރު ދުވަސް ނަގާނެ ކަމަށެވެ. ސޯޅަ މިލއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ދިއްލީގައި އާންމުނަށް ފެންފޯރުކޮށްދިނުމަށް އެކި ސަރަހައްދުތަކުގައި ވަނީ ފެން ޕަންޕު ބަހައްޓައިފަ އެވެ.
ދިއްލީއަށް ކުރިމަތިވެފައިވާ ފެނުގެ ކާރިސާއާ ގުޅިގެން އެސިޓީގެ ސުކޫލުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ބައެއް ގޭބިދީސް ބުނާ ގޮތުން ފެން ހޮޅި ހަލާކުވި ހިސާބުންފެށިގެން އެމީހުންނަށް އަދި އެންމެ ފެން ފޮދެއް ވެސް ނުލިބެ އެވެ. ފެންހޮޅި ފަޅައިގެން ގޮސް ސަރަހައްދުގެ ބޮޑު ބައެއްގައި ފެންބޮޑުވި ނަމަވެސް ދިއްލީ ސިފައިން މިހާރު ވަނީ ފެން ކޮންޓްރޯލްކޮށްފަ އެވެ.
އިންޑިއާގެ ފެނަށް ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކައިރި ސިޓީތަކުން ދަނީ ފެން ފޯރުކޮށްދެމުންނެވެ.