22 Feb 2016, 18:45
ޓެކުހަށް މަކަރު ހަދާ ކަމުގެ ތުހުމަތުގައި ކުޅުދުއްފުށީގައި ވިޔަފާރިކުރާ ހަތަރު ތަނެއް ބަލައި ފާސްކުރުމުގެ މަސައްކަތް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށައިފި އެވެ.
މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީީ މިއަދު ހެނދުނު 11:00 އިން ފެށިގެން ބަލައި ފާސްކުރަމުން ގެންދަނީ ކުޅުދުއްފުށި "އޮއިވާލި" ފިހާރަ އާއި "ސުފުރާ މަތި" ކެފޭ އާއި، އޮއިވާލި ކޮންސްޓްރަކްޝަން ކާޕެންޓްރީގެ އޮފީސް އަދި ޖޭ.އޭ ރެންޓަލްސް ކަމަށެވެ. އެ ހުރިހާ ތަނަކީވެސް އެރަށު ވަގުތު، ޖަޢުފަރު ޢަލީގެ ނަމުގައި ހިންގާ ވިޔަފާރިތައްކަމަށް މީރާއިން ވަނީ ބުނެފަ އެވެ.
މީރާއިން އެތަންތަން ބަލައި ފާސްކުރަމުންދަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރުނު ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުންނެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން، ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް އެއްވެސް ފަރާތަކުން ކުރަމުންދާކަމަށް ނުވަތަ ކޮށްފާނެކަމަށް ޝައްކު ކުރެވޭނަމަ، އަދި އެ ފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެ ވަގުތު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ކިބައިން މީރާއަށް އެދެވިދާނެއެވެ.
މިއީ މިއަހަރު މީރާއިން ބަލާ ފާސްކުރާ ދެވަނަ ބުރެވެ. މި މަހުގެ ކުރީކޮޅު މީރާއިން ވަނީ ޏ. ފުވައްމުލަކުގެ ވިޔަފާރި ކުރާތަނެއް ވެސް ބަލައި ފާސްކޮށްފައެވެ. ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ޖިނާއީ ދައުވާ ކުރުމަށް މިހާތަނަށް އަށް ފަރާތެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.