22 Feb 2016, 16:53
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމާމެދު ގޮތެއް ނިންމާނީ، އެކަމާ ގުޅޭ ހުރިހާ ލިޔުންތައް ހުށަހެޅުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ނިންމައިފި އެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މެޑިކަލް ބޯޑުން އެ ނިންމުން ނިންމީ އިއްޔެ ކަމަށެވެ.
އޭނާ ވިދާޅުވީ، އެގޮތަށް ނިންމާފައި ވަނީ ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅަންޖެހޭ ބައެއް ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީ ކަމަށެވެ.
ހުށަހަޅާފައިނުވާ ލިޔުންތަކަކީ ބޭސްފަރުވާގެ ކަންތައް ނިމޭނެ މުއްދަތު އަންގައި ދޭ ލިޔުމާއި ބޭސްފަރުވާގެ ކަންތައް ނިމޭނެ ކަމަށް ޑޮކްޓަރު ބުނާ ބުނުމުގެ ލިޔުމާއި ބޭސްފަރުވާ ކުރިގޮތުގެ ތަފްސީލު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމުގެ ސައްޚަ ކަމާ މެދު ސުވާލު އުފެދޭ ކަމަށް މެޑިކަލް ބޯޑުގެ މެމްބަރުންނަށް ފާހަގަ ކުރެވުނު ކަމަށެވެ.
އެގޮތުން އެ ލިޔުން ފޮނުވާފައި ވަނީ ހޮސްޕިޓަލްގެ ރަސްމީ މެއިލް އެޑްރެހުން ކަން އެނގެން ނެތްއިރު، އެ ލިޔުމުގައި ހޮސްޕިޓަލްގެ ތައްގަނޑެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ ލިޔުމުގައިވާ ސޮޔަކީ ޑޮކްޓަރުގެ ސޮއިކަމާ މެދު ޝައްކު އުފެދޭ ކަމަށް ވެސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލް ވިދާޅުވިއެވެ.
މެޑިކަލް ބޯޑުން ނިންމި ނިންމުންތަކާ އެކު އެކަން އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅުމަށް ރައީސް ނަޝީދަށް ސިޓީއެއް ފޮނުވުމަށްޓަކައި އެމަނިކުފާނުގެ އޮފީހަށް ސިޓީ ހިފައިގެން ދިޔުމުން އެ ސިޓީއާ ހަވާލުވުމަށް އިންކާރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ އެހެން ގޮތަކުން ރައީސް ނަޝީދާ އެ ލިޔުން ހަވާލުކުރުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ސާޖަރީއެއް ހެއްދެވުމަށް ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.