25 Apr 2010, 17:01
19:00
ހައިކޯޓުން ގޮތެއް ނިންމަންދެން މައްސަލައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓުން އަމުރު ނެރެފައިވާތީ، ސަލްޓަންސް އޮފް ދަ ސީސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަން ހުކުމްކޮށްފައިވާ 654 މިލިޔަން ރުފިޔާގެ ދަރަނީގެ މައްސަލައިގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް މަދަނީ ކޯޓުން ހުކުމްކޮށްފި އެވެ.
މަދަނީ ކޯޓުގެ ގާޒީ މުހައްމަދު ނައީމް މިއަދު ކުރައްވާފައިވާ މި ހުކުމުގައި ވަނީ، ހުކުމް ތަންފީޒުކުރުން ފަސްކުރެއްވީ އެ މައްސަލަ ހައިކޯޓަށް، އިސްތިއުނާފަށް ހުށަހަޅާފައިވާތީ އެ ކޯޓުން ގޮތެއް ނިންމަންދެން އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް ހައިކޯޓުން އަމުރެއް ނެރެފައިވާތީ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ހަތަރު ލޯނެއްގެ މައްސަލައާ ގުޅިގެން، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި 654 މިލިޔަން ރުފިޔާ ބޭންކަށް ދެއްކުމަށް ސަލްޓަންސްގެ މައްޗަށް މަދަނީ ކޯޓުން މީގެ ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ ރަހުނުކޮށްފައިވާ އުޅަނދުތަކާއި ތަންތަނާއި ތަކެތީގެ މިލްކުވެރިކަމުގެ ހައްގު، އެ މުއްދަތު ހަމަވާ ތާރީހު ކަމުގައިވާ މި އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑީވްސްއާ ހަވާލު ކުރުމަށް ވެސް އެ ހުކުމްގައިވެ އެވެ.