22 Feb 2016, 16:31
ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން ވަކިގޮތެއް އަންގަންދެން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރަން ހަސަން ސައީދަށް އެންގުމަށް ކޮމިޝަންގެ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ އެ ކޮމިޝަނުން އެގޮތަށް ނިންމީ ހަސަން ސައީދާ ބެހޭގޮތުން އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ޝަކުވާއަކާ ގުޅިގެން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަހުގީގު ކޮމެޓީން އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ނިންމުމުން އެކަމާ ގުޅޭގޮތުން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ.
ހަސަން ސައީދާ ދެކޮޅަށް ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކީ ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި، ހައިކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓު ފަނޑިޔާރުން ކަމާއި، އެމީހުން އެ ހުރިހާ ކަމެއް ކުރަނީ ހިޔާބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ދޭހަވާގޮތަށް ހަސަން ސައީދު ވާހަކަފުޅުދެއްކެވި ކަމަށް ބުނެ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ މައްސަލައެކެވެ.