22 Feb 2016, 16:24
ގައުމީ މަންހަޖަށް ގެނައި ބަދަލާ ގުޅިގެން ކީ ސްޓޭޖް އެކެއް އަދި ދޭއްގެ ރިޕޯޓު ފޯމް ތައްޔާރު ކުރުމަށް ކޮމްޕިއުޓަރު ބޭސްޑް ޕްރޮގްރާމް، 'އެސެސްމަންޓް ފޮ ލާރނިންގް' މިއަދު އިފްތިތާހު ކޮށްފި އެވެ.
ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދު އިފްތިތާހް ކުރި 'އެސެސްމަންޓް ފޮރ ލާރނިންގް' އަކީ މުދައްރިސުންނަށް ރިޕޯޓު ފޯމު ތައްޔާރު ކުރުމުގައި އެހީތެރިވުމަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގައި ގޫގުލް ޑްރައިވް މެދުވެރިކޮށް ވަގުތުން ވަގުތަށް ކުދިންގެ ކުރިއެރުން ރިޕޯޓު ކާޑެއްގެ ސިފައިގައި ރައްކާކުރެވޭނެ އެވެ.
އެޑިއުކޭޝަނުން ބުނީ 'އެސެސްމަންޓް ފޮ ލާނިންގް' ބޭނުންކޮށްގެން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުން، މުދައްރިސުންނަށް ދަރިވަރުގެ ފެންވަރު ދެނެގަނެވި، އިތުރަށް ކިޔަވައިދޭން ޖެހޭ ބައިތައް ފާހަގަ ކުރެވި، ދަރިވަރުންގެ ކިބައިގައި އަށަގަންނަން ޖެހޭ ސިފަތައް ހަރުލެއްވުމުގެ މަސައްކަތް ކުރެވެމުންދާނެ ކަމަށެވެ.
"އެސެސްމަންޓް ފޯ ލާރނިންގ" އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ
އޭގެ އިތުރުން ދަރިވަރުންނަށް ވެސް އިތުރަށް ރަނގަޅު ކުރަންޖެހެނީ ކޮން ބައިތަކެއްކަން އެނގި، އުނގަންނައިދިނުމުގެ މަރުހަލާގައި ބެލެނިވެރިންނާއި ސްކޫލުތަކާ ދެމެދު އޮންނަ ގުޅުން އިތުރުވެ ބެލެނިވެރިންނަށް ދަރިވަރުންގެ ކުރިއެރުން ދުވަހެއް ދުވަހަކަށް އެނގިގެން ދާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
'އެސެސްމަންޓް ފޮ ލާނިންގް' އަކީ ދުވަހުން ދުވަހަށް ދަރިވަރުން ހާސިލް ކުރާ މިންވަރު ބެލެހެއްޓޭނެ ނިޒާމަކަށް ވުމުން، ރިޕޯޓު ފޯމު ތައްޔާރު ކުރުމުގައި މުދައްރިސުން ހޭދަކުރަން ޖެހޭ ވަގުތު މަދުކުރެވިގެންދާނެ އެވެ.
ކޮމްޕިއުޓަރު ބޭނުންކޮށްގެން ރިޕޯޓު ފޯމް ތައްޔާރުކުރާ އެ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފެށުމަށް އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ. އަދި އެ ޕްރޮގްރާމަށް ޓީޗަރުން ތަމްރީނު ކުރުމަށް މި މަހުގެ 18 ން އަންނަ މާރިޗު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ އެވެ.
"އެސެސްމަންޓް ފޯ ލާރނިންގް" އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ
އެޑިއުކޭޝަނުން ބުނީ އެ ތަމްރީނު ޕްރޮގްރާމްތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލަކުން 233 ލީޑިންގ ޓީޗަރުނާއި ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުން ތަމްރީނު ކުރާނެ ކަމަށެވެ.
ޕްރޮގްރާމުގެ ހާއްސަ ސިފަތައް:
މުދައްރިސުންނަށް ދަރިވަރުން ހާސިލްކުރާ މިންވަރު ވަގުތުން ވަގުތަށް ފަސޭހަކަމާ އެކު ރެކޯޑު ކުރެވުން
ކޮންމެ ބައެއް ކިޔަވައިދީ ނިމުމުން އެބަޔަކުން ކުދިންނަށް ހާސިލްވި މިންވަރު ދެނެގަނެވި ފައިލްގައި ރައްކާކުރެވުން
ރިޕޯޓު ފޯމް ތައްޔާރު ކުރުމަށް ފަހުން އެއްވެސް މަސައްކަތެއް ކުރަން ނުޖެހުން
ކޮންމެ ތަނެއްގައި އަދި ކޮންމެ ވަގުތެއްގައި ވެސް އެ ސިސްޓަމް ބޭނުންކޮށްގެން މައުލޫމާތު ރައްކާ ކުރެވުން
ބޭނުންވާާ ހުރިހާ މައުލޫމާތު ފެންނަން ހުރުން
ލީޑިންގް ޓީޗަރުންނަށް ފަސޭހަކަމާ އެކު ޓީޗަރުންގެ މަސައްކަތް އަދި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ދެނެގަނެވުން