ދިމިޝްގު (ފެބްރުއަރީ 22): ސީރިޔާގެ ވެރިރަށް ދިމިޝްގެ ހޯމްސްގައި އިއްޔެ ބޮމުގެ ހަމަލާއެއްދީ 140 މީހުން މަރާލި ކަމުގެ ޒިންމާ އައިއެސް އިން ނަގައިފި އެވެ.

އިއްޔެ ދިމިޝްގުގެ ސައްޔިދާ ޒައިނަބުގައި ދިން ހަތަރު ހަމަލާއެއްގެ ސަބަބުން 83 މީހަކު މަރުވި ކަމަށް ސަންއާ ސްޓޭޓް ޓީވީން ބުންޏެވެ. އަދި ހޯމްސްގައި ދެ ކާރެއް ގޮއްވާލުމުގެ ސަބަބުން 57 މީހަކު މަރުވިކަމަށް ސީރިޔާގެ ހަނގުރާމަ މޮނިޓާ ކުރާ ގުރޫޕަކުން ބުންޏެވެ. އޭގެ ތެރޭގައި ގިނައީ އާއްމުންނާއި ކުޑަކުދިން ކަމަށް ވެސް އެގުރޫޕުން ފާހަގަ ކުރި އެވެ. ހުރިހާ ހަމަލާތައް ވެސް އަމާޒުކޮށްފައި ވަނީ ޝީއީ މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ.

އައިއެސްއާ ގުޅުން އޮންނަ އަމާގް ނިއުސް އޭޖެންސީން ބުނި ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން އެ ހަމަލާތައް ދިނީ ކާރެއް ގޮއްވާލައިގެންނާއި ގޮވާތަކެތި ހުރި ބެލްޓެއް ގޮއްވާލައިގެންނެވެ.

މިދިޔަ މަހު ޖާނުން ފިދާވެގެން ހޯމްސްއަށް ދިން ހަމަލާއެއްގެ ޒިންމާ ވެސް އައިއެސް އިން ވަނީ ނަގައިފަ އެވެ. އެހަމަލާގައި 71 މީހަކު މަރުވި އެވެ.

ޔޫކޭގައި ހުންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި ސީރިޔާގެ އަލެއްޕޯ ހިފުމަށް އެގައުމުގެ ސަރުކާރާއި ރަޝިއާ އިން ގުޅިގެން އައިއެސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި އައިއެސްގެ 50 ހަނގުރާމަވެރިން ވަނީ މަރާލާފަ އެވެ. (ބީބީސީ)