ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު ބޭންކުގެ މުވައްޒަފަކު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި އެމުވައްޒަފު ހައްޔަރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ ބުރާންޗުގެ މެނޭޖަރުގެ މަގާމުގައި ހުރި ގާސިމް އަބްދުލް ކަރީމް އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ބީއެމްއެލްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، އެ ބޭންކުގެ ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު ބޭންކުގެ މުވައްޒަފަކު ނަހަމަ ގޮތުގައި ބޭނުންކޮށްފައި ވާތީ، އެ މައްސަލަ އެ ބޭންކުގެ ފަރާތުން ކަމާ ބެހޭ ފަރާތަށް ހުށަހަޅާފައިވާ ކަމަށެވެ.

ކަސްޓަމަރުންގެ އެކައުންޓް މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެ ބޭންކުން އެންމެ އިސްކަންދޭ އެއް ކަންކަމަށާއި ކަސްޓަމަރުންގެ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމަށް ޓަކައި މުވައްޒަފުން އަމަލުކުރަން ޖެހޭ ހަރުދަނާ ގަވައިދުތަކާއި އުސޫލުތައް އެ ބޭންކުން ކަނޑައަޅާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ގަވައިދުތަކާ ހިލާފުވާ މުވައްޒަފުންނާ މެދު ބޭންކުން އަބަދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.