ވާދަވެރި ރެއާލް މެޑްރިޑްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބާސެލޯނާއަށް ކުޅުމަކީ އޭނާ ވަރަށް އެދޭ ކަމެއްކަމަށް ބާސާގެ ބްރެޒިލްގެ ފޯވަޑް ނޭމާ ޑަސިލްވާ ބުނެފިއެވެ.

ޕޯޗްގަލްގެ ދުވަހު ނޫހެއް ކަމަށްވާ 'އޭ ބޮލާ' އަށް ދިން އިންޓަވިއުގައި ވާހަކަ ދައްކަމުން ނޭމާ ބުނީ ރޮނާލްޑޯއަކީ އޭނާ ވަރަށް ސަޕޯޓް ކުރާ ކުޅުންތެރިޔެއް ކަމަށާއި ރޮނާލްޑޯއަކީ ލެޖެންޑެއް ކަމަށެވެ.

"ރޮނާލްޑޯއަކީ ވޯލްޑް ކްލާސް ކުޅުންތެރިޔެއް. އޭނާއަކީ މިލިއަނަކުން އެކެއް. އޭނާ ބާސާއަށް ކުޅުމަކީ އަހަންނަށް ލިބޭނެ އުފަލެއް،" ނޭމާ ބުންޏެވެ.

އުމުރުން 31 އަހަރުގެ ރޮނާލްޑޯ ރެއާލް ދޫކޮށްލާ ވާހަކައެއް މިދޭތެރެއިން ވަނީ ފެންމަތިވެފައެވެ.

އަދި އޭނާ ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކެއްވެސް މިދޭތެރެއިން ވަނީ ދެކެވިފައެވެ.

ނޭމާއަކީ ރޮނާލްޑޯގެ ފަހަތުން ދުނިޔޭގެ ތިން ވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއެވެ.