ލަންޑަން (ފެބްރުއަރީ 22):ވިލާތު އިއްތިހާދު ނުވަތަ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަމުން އިނގިރޭސިވިލާތް ވަކިވާން ތާއިދުކުރައްވާ ކަމަށް ލަންޑަންގެ މޭޔަރު، ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ޖޯންސަން އެހެން ވިދާޅުވީ، އީޔޫގެ މެމްބަރެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމަށް ފެންނަ ނުފެންނަ ވޯޓެއް ޖޫން 13ގައި ނަގާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އިއުލާންކުރެއްވި ފަހުންނެވެ.

ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ ޖޯންސަން، ޔޫކޭ އީޔޫއިން ވަކިވާން ތާއިދުކުރުން ވެގެން ދިޔައީ ޑޭވިޑް ކެމެރަންއަށް ބޮޑު ގެއްލުމަކަށެވެ. ކެމެރަން ވަނީ އީޔޫއިން ޔޫކޭ ވަކިނުވުމަށް ތާއިދު ހޯދުމަށް "ހިތާއި ރޫހުން" ކެމްޕެއިން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ޑޭވިޑް ކެމެރަން ނުވަތަ ސަރުކާރާ ދެކޮޅަށް ދިޔުމަކީ އަޅުގަނޑު ބޭނުން ކަމެއް ނޫން. ނަމަވެސް، އަޅުގަނޑަށް ކުރެވޭނެ އިތުރު ކަމެއް ނެތް. މިގައުމުގެ ފައިސާ ރައްކާތެރިކުރުމަށާއި ގައުމުގެ ކޮންޓްރޯލް އަނބުރާ ނެގުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ [އީޔޫއިން] "ވަކިވާން" އަޅުގަނޑު ކެމްޕެއިން ކުރާނަން،" ޖޯންސަން ވިދާޅުވި އެވެ.

ޖޯންސަންވަނީ މީގެ ކުރިންވެސް އީޔޫއިން އިނގިރޭސިވިލާތުގެ ދާހިލީ ކަންތައްތަކަށް މާބޮޑަށް ނުފޫޒުފޯރުވާ ކަމަށްބުނެ އީޔޫއަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވަނީ ޔޫކޭ އީޔޫގެ މެމްބަރެއްގެ ގޮތުގައި އޮތުމުން "ޑިމޮކްރަސީ ނެތިގެން ހިނގައިދާނެ" ކަމަށް ވިދާޅުވެފަ އެވެ. (ޑެޓްރޮއިޓްނިއުސް)