މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށް ބުނެ ދައުލަތުން ނ. ހޮޅުދޫ ކައުންސިލަރެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހޮޅުދޫ ކައުންސިލް މެމްބަރު ހުސައިން ހަސީބުގެ މައްޗަށް ދައުލަތުން އުފުލީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރި މީހަކަށް ހަމަލާދޭން މަސައްކަތް ކުރުމުގެ ދައުވާއެވެ.

އެ ދައުވާ އޭނާގެ މައްޗަށް އުފުލީ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ މާފަންނު ސަހަރާ ސަރަހައްދު ބެރިކޭޑުޖަހައި ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ވަންނަން މަސައްކަތްކޮށް ގަލާއި ފެންފުޅި ފުލުހުންނާ ދިމާލަށް އުކާފައިވާ ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ހަސީބު ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި ފަދަ ތަކެތި އުކާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ.

"..... ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ތެރެއަށް ހުސައިން ހަސީބު ވަންނަން މަސައްކަތްކޮށް ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅިފަދަ ތަކެތި އުކާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުނުވާތީ ދައުލަތުގެ މި ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްކޮށް މި ގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.