އޭއެފްސީ ކަޕްގައި މާދަމާ ސިންގަޕޫރުގެ ބެލެސްޓިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މިހާރު މިއޮތް ޓީމުން ރަނގަޅު ފައިޓެއް ދޭނެ ކަމަށް ނިއުގެ ކޯޗު ޔޮރްދާން ސްޓައިކޯފް އިވަނޯފް ބުނެފިއެވެ.

ގުރޫޕް 'އެފް'ގައި މާދަމާ ބެލެސްޓިއާއާ ދެކޮޅަށް ނިކުތުމުގެ ކުރިން މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ސްޓައިކޯފް ބުނީ ނިއުގެ އަމާޒަކީ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވަނަ ބުރަށް ކޮލިފައިވުން ކަމަށާއި ތިން ހަފްތާގެ ފަރިތަކުރުންތަކަށް ފަހު ޓީމް ވެސް އޮތީ ތައްޔާރަށް ކަމަށެވެ.

"ކުރީ އަހަރާ އަޅައިބަލާއިރު މިހާރު ނިއު އަކީ މުޅިން ތަފާތު ޓީމެއް. ނަމަވެސް ރަނގަޅު ފަރިތަކުރުން ތަކަކަށްފަހު މި ޓީމާއެކު ބެލެސްޓީއާއަށް ރަނގަޅު ފައިޓެއް ދެވޭނެ. ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ފުޓްބޯޅަ ވެސް މި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި،" ސްޓައިކޯފް ބުންޏެވެ.

މީގެ 10 އަހަރު ކުރިން 2005 ވަނަ އަހަރު ނިއުއާ އެކު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ތިން ވަނަ ހޯދައިދިން ކޯޗު ސްޓައިކޯފް ދެވަނަ ފަހަރަށް ނިއުއާ ހަވާލުވެފައިވާ އިރު އޭނާ ބުނީ މި އަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުން ތަންކޮޅެއް ލަހުން ފެށުނު ނަމަވެސް ރަނގަޅު ދެ ފްރެންޑްލީ މެޗު ވެސް ކުޅެފައިވާ ކަމަށާއި އަދި ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ވެސް އެކަށީގެންވާ ރަނގަޅު ކުޅުމެއް ފެންނަ ކަމަށެވެ.

ނިއު އާއި ބަލެސްޓިއާ ހިމެނޭ މި ގްރޫޕުގައި ދެން ހިމެނެނީ ހޮންކޮންގް ލީގުގެ ޗެމްޕިއަން ކިޗީ އާއި ފިލިޕީންސް ޔުނައިޓެޑް ކަޕުގެ ޗެމްޕިއަން ކާޔާ އެފްސީ އެވެ.

ނިއު ކުޅޭ ދެވަނަ މެޗު އޮންނާނީ މާޗު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ކިޗީއާ ދެކޮޅަށެވެ.