22 Feb 2016, 12:52
ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް މިރޮސްލާވް ޖެންކާ ރާއްޖެ އަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު ފުރާވަޑައިގެންފި އެވެ.
ޖެންކާއަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއި ވިދާޅުވީ ފޮރިން ސެކެޓްރީ ޑރ. ޢަލީ ނަސީރު މުޙައްމަދު އެވެ.
ދިވެހި ސަރުކާރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން ޖެންކާ ވަނީ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައިފަ އެވެ. އެގޮތުން ރައީސް ޔާމީން އާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަދި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމާ ބެހޭ ތަފުސީލެއް އެ މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

ޔްނައިޓެޑް ނޭޝަންސް ( ޔޫއެން)ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް މިރޮސްލާވް ޖެންކާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ
ޖެންކާ ރާއްޖެ އަށް ވަޑައިގެންފައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު ދުނިޔޭގެ ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މުޒާހަރާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އިނގިރޭސިވިލާތާއި އެމެރިކާ އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.