22 Feb 2016, 12:54
ކެޓްރީނާ ކައިފް އަދި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ ފިލްމު "ޖައްގާ ޖާސޫސް"ގެ ޝޫޓިންގ އަށް ނުގޮސް، ކެޓްރީނާ އޭނާގެ ކުރިއަށް ދެން އޮތް ފިލްމު "ބާރު ބާރު ދޭކޯ" ގެ ޝޫޓިން އަށް ތައިލޭންޑަށް ފުރައިފި އެވެ.
ކެޓްރީނާ ތައިލެންޑަށް ފުރާފައި މިވަނީ ޖައްގާ ޖާސޫސްގެ ޝޫޓިންގްގެ މެދުތެރެއިންނެވެ. ކުރިން ފިލްމު ރިލީޒް ކުރުމަށް ކަނޑައެޅި ތާރީހަށް ފިލްމުގެ ޝޫޓިން ނިންމޭނެ ކަމުގެ ޔަގީންކަން ނެތުމުން، ޖައްގާ ޖާސޫސް ރިލީޒްކުރާނެ ދުވަސް ވަނީ ފަސްކޮށްފަ އެވެ.
ޖައްގާ ޖާސޫސްގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް ދެ އަހަރު ވެއްޖެ އެވެ. ފުރަތަމަ ފިލްމު ރިލީޒް ކުރަން އޮތީ މިދިޔަ އަހަރު އެވެ. ނަމަވެސް މިހާރު ވަނީ މި އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ނިންމާފަ އެވެ.
ޖައްގާ ޖާސޫސްގެ ޝޫޓިންގެ މެދުތެރެއިން ކެޓްރީނާ އޭނާގެ އިތުރު ފިލްމެއްގެ ޝޫޓިން އަށް ފުރާފައި ވަނީ ރަންބީރު އާދެމީހުންގެ ގުޅުން ނިންމާލުމަށް ފަހު ދެމީހުންގެ ދޭތެރޭގައި ވަރަށް ބޮޑަށް މައްސަލަ ޖެހިފައިވާ ކަމަށް ވާހަކަތައް ދެކެވޭ ދަނޑިވަޅެއްގަ އެވެ.
އެހެންކަމުން ކެޓްރީނާ ޖައްގާ ޖާސޫސް އަށްވުރެ ބާރު ބާރު ދޭކޯ އަށް އިސްކަންދީފައި ވަނީ ރަންބީރު އާއެކު ފިލްމު ޝޫޓު ކުރަން ބޭނުން ނުވާތީ ކަމަށް ހަބަރުތައް ބުނެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޖައްގާ ޖާސޫސްގެ ސެޓުން ގަވާއިދުން ރަންބީރު ފެނުނު ނަމަވެސް، ކެޓްރީނާ މިހާރު ސެޓުން ނުފެންނަތާވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.
އޭގެ އިތުރުން ފިލްމުގެ މަސައްކަތުގައި އުޅޭ ފަރާތަކުން ބުނެފައިވާ ގޮތުން، ދެމީހުންގެ ގުޅުން ނިންމާލި ފަހުން، ޝޫޓިން ގައި ކެޓްރީނާ ރަންބީރު އާ ވާހަކަ ދައްކާފައެއް ނުވެ އެވެ.
ބޮލީވުޑުގެ ހަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިކަމުގެ ސަބަބުން އަނޫރާގް ބާސޫގެ ޖައްގާ ޖާސޫސް އަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ބާރު ބާރު ދޭކޯގައި ކެޓްރީނާ އާ އެކު ދެން ފެނިގެން ދާނީ ކަރަން ޖޯހަރުގެ "ސްޓުޑެންޓް އޮފް ދަ އިޔަރ" އިން މަގްބޫލުކަން ހޯދި ސިދްހާތު މަލޯތުރާ އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.