ބ. ތުޅާދޫގައި ވިހެއުމަށް ފަހު ދަރިފުޅު މަރާލި ކަމަށް ތުހުމަތު ކުރެވޭ އަންހެން މީހާގެ ޝަރީއަތް ފަށައިފި އެވެ.

ބ. ތުޅާދޫ ހުދުއަސުރުމާގޭ ފާރިހާ އަބްދުއްރަހްމާންގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ.

އެއީ އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ތިން ދައުވާ ވެސް އިއްވައިފަ އެވެ.

ޝަރީއަތުގެ އަޑުއެހުމަށްފަހު ފާރިހާ އަބްދުއްރަހްމާން ކޯޓުން ނެރެގެން ގެންދަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް

ދައުވާތައް އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ތުޅާދޫގައި އޭނާ ދިރިއުޅޭ ދޮންވެލިގޭގެ ފާޚާނާތެރެއަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ދަރިއަކު ވިހެމުން ފާޚާނާތެރެއަށް ދަރިފުޅު ވެއްޓުމުން ފާޚާނާތަރެއަށް ފެންޖެހުމަށް ފަހު ނުކުމެގެންގޮސް، އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ފާޚާނާތެރެއަށް ވަދެ ފެންހިންދާ ވަޅުގަނޑުގެ ތެރެއަށް ފާރިހާ އެ ދަރިފުޅު ވައްޓާލި ކަމަށެވެ.

އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލާފައި ވަނީ އެ ސަބަބާ ހެދި ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އަދި ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލީ ދަރިއަކު ވިހެއުމަށް ފަހު އެދަރިފުޅުގެ އުފަން ދުވަހުގެ ސެޓްފިކެޓު ހަދާފައިނުވާތީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ޝަރީއަތުގެ އަޑުއެހުމަށް ފަހު ފާރިހާ އަބްދުއްރަހްމާން ކޯޓުން ނެރެގެން ގެންދަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް

އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުންނެވެ.

މީހަކު މަރުވުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލީ ގާނޫނުލް އުގޫބާތުގެ 414 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

މިއަދުގެ ޝަރީތުގެ މަޖިލީހުގައި ގާޒީ ވަނީ ޝަރީއަތް ނިމެންދެން ފާރިހާ ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން ފާރިހާ ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ.

ގާޒީ އިބްރާހީމް އަލީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ ފުރުސަތެއް ފާރިހާ އަށް ދެއްވުމަށްފަހު އެވެ.