22 Feb 2016, 12:30
ކިއެވް (ފެބްރުއަރީ 22): އުސާމާ ބިން ލާދީން ކަމަށް ބުނާ ފޭކް ޑްރައިވިން ލައިސެންސްއެއް ބޭނުންކުރި މީހަކު ޔޫކްރެއިންގެ ވެރިރަށް، ކިއެވް އިން އެގައުމުގެ ފުލުހަކު ޖޫރިމަނާކޮށްފި އެވެ.
ޔޫކްރެއިންގެ ޓީއެސްއެން ޓީވީން ރިޕޯޓުކުރި ގޮތުގައި އެލެގްޒެންޑާ ނަމަކަށް ކިޔާ އެމީހާ، އެލައިސެންސް ދެއްކީ، އެމެރިކަން އެމްބަސީ ކުރިން ހިންގި އިމާރާތް ކައިރިން ކާރު ދުއްވާފައި ދަނިކޮށް ފުލުހަކު އޭނާ ހުއްޓުވުމުންނެވެ.
އުސާމާ ބިން ލާދިންގެ ނަމުގައި އެލެގްޒެންޑާއަށް ލައިސެންސްއެއް ހައްދައި ދިނީ އޭނާގެ އެކުވެރިން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެލެގްޒެންޑާ އަށް ބިން ލާދިން ކިޔަނީ އޭނާގެ ތުބުޅި ބިން ލާދިންއާ ވައްތަރުވުމުން ކަމަށްވެ އެވެ.
އެލްގެޒެންޑާގެ ފޭކް ލައިސެންސުގައިވާ ގޮތުން އޭނާގެ ނަމަކީ އުސާމާ ބިން މުހައްމަދު އެވެ. އޭނާ އުފަންވީ "އަފްގާނިސްތާނުގެ ފަރުބަދަތަކަށެވެ." އަދި އޭނާގެ ބައްޕަގެ ފަރާތުން އޭނާ އަށް ލިބިފައިވާ ނަމަކީ "ޓެރަރިސްޓޮވިޗް" އެވެ. ނުވަތަ ޓެރަރިސްޓުގެ ދަރި އެވެ.
ކޮންމެއަކަސް، ރަސްމީ ރިޕޯޓުގައި ޖޫރިމަނާ ކުރިކަމަށް ފުލުސްމީހާ ޖެހީ އުސާމާ ބިން ލާދިން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (އާރްޓީ)