ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ހާއްސަ ގޮތްތަކެއް ހެދުމާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީ އަށް މަޝްވަރާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މިއަދު ހުށަހެޅި ޖެންޑާ އީކުއަލިޓީ ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ނިހާން ވިދާޅުވީ ބޭރުގެ ގައުމުތަކަށް ގޮސް، ގައުމާއި ދައުލަތް ބަދުނާމު ކުރެއްވުމުގެ ބަދަލުގައި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ކަންކަމަށް ހައްލެއް ހޯދޭނެ ގޮތްތަކެއް ރޭވުމަކީ މުހިއްމު ކަމެއް ކަމަށެވެ. ނިހާނު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އާއްމު މީހެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއް ނަމަ އެ ބޭފުޅަކަށް ލޯތްބާއި އިހުތިރާމު އޮންނަން ޖެހޭނެ ކަމަށެވެ.

13 އަހަރު ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ---- ސަން ފޮޓޯ: އަލީ ނަސީރު

"ކޮންމެވެސް ސަބަބުތަކަކަށް ޓަކައި މުހިއްމު ވަގުތުކޮޅުތަކެއް މި ގައުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޭދަކުރެއްވި ބޭފުޅެއް ގ. ކެނެރީގެ މުހައްމަދު ނަޝީދަކީ. އެހެންވީމާ އެމަނިކުފާނުގެ ވިސްނުންފުޅުގައި ނުވަތަ އެމަނިކުފާނު ކޮށް އަދި ނުކޮށް ދޫކޮށްލެއްވި ކަންތައްތަކުގެ ތެރޭގައި ހުންނާނެ ގައުމަށް މުހިއްމު ވަރަށް ބައިވަރު ނުކުތާތައް. އަޅުގަނޑުމެން އެއާ މެދު ވިސްނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން އިށީނދެ ތިބެ އަޅެ ހައްލެއް ގެނެސް މިދެންނެވި 128 ވަނަ މާއްދާގެ ދަށުން އުފެދިފައި އޮތް ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ނުކުތާއެއް ލިޔުއްވިއްޔާ ކީއްތޯއޭ ވާނީ،" ނިހާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުލެމެންސީ ގާނޫނުގެ ވަކި ހަމައަކުން ހަމައެކަނި ރައީސްކަން ކުރައްވާފައިވާ ފަރާތްތައް ދޫ ކުރެވޭނެ ގޮތެެއް ނުހެދި ހިނގައިދާނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ ގާނޫނަކީ އާއްމުންނަށް ހުޅުވާލެވިފައިވާ އާއްމު ގާނޫނެއް ކަމަށްވާތީ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ގާނޫނަކީ ހާއްސަ ގާނޫނެއް ކަމަށް ނިހާނު ވިދާޅުވި އެވެ.

"އެ ގާނޫނަށް އަޅުގަނޑުމެން އިސްލާހު ގެނެސް ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ފަރާތެއް މިވެނި އެވެނި ގޮތަކަށް ކޯޓުން ހުކުމެއް ކުރި ނަމަވެސް އެބޭފުޅަކަށް ލުޔެއް ދޭނެ ގޮތްތަކެއް އެ ގާނޫނުގައި ކަނޑައަޅާފައި ރައީސުލްޖުމްހޫރިއްޔާއަށް ބާރު ދިނީމަ ނިމުނީއެއް ނޫންތޯ. ނުވަތަ ބަލަހައްޓާ ފަރާތަކީ ކަރެކްޝަނަލް ސާވިސް ކަމުގައިވާ ނަމަ އެފަރާތަށް އެބާރު ދިނީމަ ނިމުނީއެއް ނޫންތޯ. ނޫނީ ހޯމް މިނިސްޓްރީއަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށް އެ ބާރު ދިނީމަ ނިމުނީއެއް ނޫންތޯ. އެއީ އަޅުގަނޑުމެންގެ ގައުމުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއް." ނިހާނު ވިދާޅުވި އެވެ.