"މިސްބާހުގެ މަސައްކަތު ރޭޓަކީ، އަރަމުން އަންނަ ކުޅުންތެރިންނަށް ނަމޫނާއެއް،" މިއަހަރު ސީޒަނަށް ތައްޔާރުވުމަށް މާޒިޔާގެ ޓްރަޔަލްއިން އެޓީމަށް ނެގި ހއ. ބާރަަށަށް ނިސްބަތްވާ ޢަބްދުﷲ މިސްބާހާ ބެހޭގޮތުން މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުންޏެވެ.

މާޒިޔާގެ ޓްރަޔަލްއާ އޭނާ ގުޅުނީ ފުރަތަމަ ޑިވިޝަންގައި ފުޓްބޯޅަ ކުޅޭ ހިތްވާލެއް ބޮޑުކަމުންނެވެ. މާޒިޔާގެ ޓްރަޔަލްގައި ބައިވެރިވި 100 ކުޅުންތެރިންގެ ތެރެއިން އެ ކުލަބުން ފުރުސަތު ދިން ހަތަރު ކުޅުންތެރިންގެ ތެރޭގައި މިސްބާހް ހިމެނުނު ނަމަވެސް އޭއެފްސީ ކަޕްގެ ސްކޮޑްގައި އޭނާ ހިމެނިދާނެކަމަށް ހުދު އޭނާވެސް ގަބޫލެއް ނުކުރެއެވެ.

އޭނާގެ ކެރިއަރުގައި މިހާ ކުރީ ކޮޅު ކްލަބުގެ އިންޓަނޭޝަނަލް މުބާރާތުގެ ސްކޮޑްގައި މިސްބާހް ހިމެނުން އޭނާ ސިފަ ކުރަނީ އޭނާއަށް ފުޓްބޯޅާއިގައި ލިބުނު އެންމެ ބޮޑު ކާމިޔާބުގެ ގޮތުގައެވެ.

"ވަރަށް ވަރަށް ބޮޑު އުފަލެއް ލިބުނު. އަލްހަމްދުލިﷲ. މިއީ ފުޓްބޯޅައިގެ ކެރިއާގައި ލިބުނު އެންމެ ބޮޑު އުފާ،" މާޒިޔާގެ އޭއެފްސީ ކަޕް ސްކޮޑްގައި ހިމެނުމުން އޭނާގެ ޝުއޫރުތައް 'ސަން' އާ ހިއްސާ ކުރަމުން މިސްބާހް ބުންޏެވެ.

މިސްބާހް މާޒިޔާގެ ޕްރެކްޓިސްއަށް މަޑުކޮށްލައިގެން --- ސަން ފައިލް ފޮޓޯ

ކެރިއަރުގެ މިހާ ކުރީ ކޮޅު ކުލަބުގެ އިންޓަނޭޝަނަލް މުބާރާތުގެ ސްކޮޑްގައި މިސްބާހް ހިމެނުން އެއީ އޭނާގެ ފުޓްބޯޅައިގެ ކުރިމަގު އުޖާލާ ވާނެ ކަމުގެ ރަމްޒެކެވެ.

އުމުރުން 20 އަހަރުގެ ކުޅުންތެރިޔާއާ ބެހޭގޮތުން ސުޒޭން ބުނީ އޭއެފްސީ ކަޕް ސްކޮޑްގައި މިސްބާހް ހިމެނުނީ އޭނާގެ ބުރަ މަސަކަތުން ކަމަށެވެ.

ސުޒޭން ބުނީ، މިސްބާހަކީ ކުޅުމުގެ ހިތްވަރާއި ޝައުގުވެރިކަމާއި ހުނަރުވެރިކަން އޭނާގެ ކިބައިގައި ހުރި ކުޅުންތެރިޔެއް ކަމަށާއި އޭއެފްސީ ކަޕްގެ މާޒިޔާގެ ސްކޮޑްގައި މިސްބާހް ހިމެނުމަކީ މިސްބާހްގެ އިތުރުން މާޒިޔާއަށް ލިބުނު ކާމިޔާބެއްކަމަށެވެ.

"ވަރަށް ހިތްވަރުގަދަ ކުޅުންތެރިޔެއް. ކުޅޭ ހިތުން ޝައުގުވެރިކަމާއެކު ބައިވެރިވި ކުޅުންތެރިޔެއް. އޭއެފްސީ ކަޕް ސްކޮޑްގައި އޭނާ ހިމެނުނީ އޭނާގެ ބުރަ މަސައްކަތުން،" ސުޒޭން ބުންނެވެ.

ސުޒޭން ބުނީ މިސްބާހްގެ ޕްރޮގްރެސްއަކީ އާ ކުޅުންތެރިންނަށާއި ދިވެހި ފުޓްބޯޅައަށް ދިން ޕޮޒިޓިވް މެސެޖެއް ކަމަށެވެ.

ދެން އޮތީ މިސްބާހްގެ ހިތްވަރެވެ. ރާއްޖޭގެ އެންމެ ޓޮޕް ލެވަލްގައި ކުޅުމުގެ ޕެޝަން އޭނާގެ ކިބައިގައި އެބަހުއްޓެވެ.

ދިވެހި ފުޓްބޯޅަ ޓްރާންސިޝަނަލް ޕީރިއަޑް ފެށިފައިވަނިކޮށް މިސްބާހްގެ ވިދުން ދިވެހި ފޫޓްބޯޅައިގައި ގަދަވުމަކީ ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހެއްގެ އުންމީދެވެ. ކެރިއަރުގައި ކުރީ ކޮޅު ރާއްޖޭގެ އެންމެ ބޮޑު ސްކޮޑެއް އޮތް ޓީމުގެ ގަދަ 18 ކުޅުންތެރިންގެ ތެރޭގައި ހިމެނި އޭއެފްސީ ކަޕަށް މިސްބާހް ދިއުމަކީ ދިވެހި ފުޓްބޯޅައަށް ދިން އިޖާބީ މެސެޖެކެވެ.