22 Feb 2016, 12:03
ދައުލަތުގެ އެންމެހައި މުއައްސަސާތަކަށާއި އަދި ކޯޓުތަކުން ނިންމާ ނިންމުންތަކަށް ފާޑުކިޔުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއްގެ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ވަރަށް އަސާސީ ހައްގެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނީ ވަކީލުން ކޯޓުތަކާއި ކޯޓުތަކުގެ ނިންމުންތަކާ މެދު ޙިޔާލުފާޅުކޮށް ވާހަކަ ދެއްކުމަކީ އައުލާކަން ބޮޑުވެގެންވާ ކަމެއް ކަމަށެވެ. އަދި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ގޮތުން އދ. އިން ކަނޑައަޅާފައިވާ ސްޕެޝަލް ރެޕެޓުއާ ގެބްރިއެލާ ކްނައުލް، ރާއްޖެއާ މެދު ނެރުއްވި ރިޕޯޓްގައި ވެސް އެކަން ފާހަގަކުރައްވާފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ ޑިމޮކްރެޓިކް މުޖުތަމައެއްގައިި ކޯޓުތަކުން ކުރާ ހުކުމްތަކަށް ފާޑުކިޔައި ހެދުމުގެ މިނިވަންކަން އޮންނަ ގޮތުގެ މަފުހޫމް ރާއްޖޭގެ ކޯޓުތަކުން ދެނެގަތުމަކީ ރާއްޖޭގެ ޑިމޮކްރަސީއާއި ރައްޔިތުންގެ ހައްގު ދިފާއުކުރުމަށް ޓަކައި ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.
"އަދި އަމުދުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކުށެއް ކަމަށް ކަނޑައަޅާފައި ނުހުންނަ ކަންކަން ޖިނާއީ ކުށަކަށް އަމިއްލަ އަށް ހަދައިގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބަންދުކުރުމަކީ އެ މަފުހޫމަށާއި ގާނޫނު އަސާސީ އަށް ނުފެތޭ ގައިރު ގާނޫނީކަމެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ޝަރީއަތް ހިންގި ގޮތާއި އަދި 12 އަހަރުގެ ހުކުމާމެދު ރާއްޖޭގެ ގިނަ ރައްޔިތުންނާއި މުޅި ބައިނަލްއަގުވާމީ މުޖުތަމައު ގެންދަނީ ފާޑުކިޔަމުން ކަމަށެވެ. އަދި ބުނީ އިމްރާންގެ މައްޗަށް ނުހައްގު އަދަބު ދިނުމަށް ފަހު، ވަކިން ހާއްސަކޮށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް އަލީ ޒާހިރު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަކީ ސިޔާސީ ފަރާތްތަކަށާއި އެފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ބިރުދެއްކުމަށް ހިންގި އަމަލެއްކަމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދިން އިންޒާރެއްކަމުގައި އެޕާޓީން ދެކޭ ކަމަށެވެ.
ގާނޫނީ ވަކީލު މައުމޫން ހަމީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލީ ޒާހިރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެ ދެ ބޭފުޅުންނަށް ވަނީ ނަސޭހަތް ދީފި އެވެ.
މައުމޫން ހަމީދު ވިދާޅުވީ، އޭނާ ކޯޓަށް ހާޒިރުކުރީ، ޝެއިޚް އިމްރާނަށް 12 އަހަރުގެ ޖަލުހުކުމެއް އިއްވުމާ ގުޅިގެން، އޭނާ ކުރެއްވި ޓުވީޓަކާ ގުޅިގެން ކަމަށެވެ. އަދި އަލީ ޒާހިރު ވިދާޅުވީ، އޭނާ ކޯޓަށް ހާޒިރުކޮށް ނަސޭހަތް ދީފައި ވަނީ، ކޯޓުގެ ނަން ހުތުރުވާގޮތަށް އެއްވެސް ވާހަކައެއް ނުދެއްކުމަށް ބުނެ ކަމަށެވެ.