މިއަންނަ މަހުގެ 11ގައި އެމެރިކާ އާއި ޔޫރަޕްގައި ވިއްކަން ފަށާ ސެމްސަންގްގެ ގެލެކްސީ އެސް7 އާއި ގެލެކްސީ އެސް7 އެޖްގައި އެންމެ ފަހުން ނެރުނު އެސް6 ފޯނުތަކާ ހިލާފަށް މެމޮރީ ކާޑު ސްލޮޓެއް ހިމެނޭނެ ކަމަށާއި ބެޓެރި ވެސް ގިނަ އިރުވަންދެން ހުންނާނެ ކަމަށް ސެމްސަންގުން ބުނެފި އެވެ.

ޑިޒައިންގެ ގޮތުން އެސް6އާ އެއްވައްތަރުވި ނަމަވެސް އެސް7ގައި ހުންނަ މެމޮރީ ސްލޮޓްގެ ސަބަބުން 32 ޖީބީގެ ފޯނެއްގެ މެމޮރީ އިތުރުކުރެވޭނެ އެވެ. އަދި މިފަހަރުގެ ފޯނުގައި ބެޓެރީގެ ސައިޒް އިތިރުކޮށް ބެޓެރި ނުނެގޭ ގޮތަށް ވަނީ ހަދާފަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެސް7 އިން މެދުނުކެނޑި 15 ގަޑިއިރަށް ހައި ޑެފިނިޝަން ވީޑިއޯ ބެލޭނެ އެވެ.

އަދި އެސް6އެކޭ އެއްފަދައިން އެސް7 އާއި އެސް7 އެޖް އަކީ ވެސް ފެން ނުވަންނަ ގޮތަށާއި ހިރަފުސް ނުހިފާގޮތަށް ހަދާފައިވާ ދެފޯނެވެ. އެގޮތުން، ގާތްގަނޑަކަށް 30 މިނިޓަށް 1.5 މީޓަރު ފެނު އަޑީގައި ފޯނު އޮތުމުން ވެސް ގެއްލުމެއް ނުވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި ވަޔަލެސްކޮށް ފޯނު ޗާޖު ކުރެވޭ ގޮތަށް ހުރެ އެވެ.

މީގެ ކުރިން ނެރުނު ފޯނުތަކާ އަޅާބަލާ އިރު ގެލެކްސީ އެސް7ގެ އެންމެ ބޮޑު ތަފާތަކީ އޭގެ 12 މެގަޕިކްސެލްގެ ކެމެރާ އެވެ. އެކެމެރާގައި އާ ދެކަމެއް ހިމެނެ އެވެ. ފުރަތަމަ ކަމަކަށް، އޭގެ އެޕާޗާ ވަނީ ބޮޑުކޮށްފަ އެވެ. އަދި ފޯނުގެ ޕިކްސެލްސް ވަނީ އިތުރުކޮށްފަ އެވެ. ސެމްސަންގުން ބުނާ ގޮތުގައި އޭގެ ސަބަބުން އަނދިރި ތަންތަނުގައި ފްލެޝްއާ ނުލައި ފޮޓޯނަގަން ފަސޭހަވާނެ އެވެ.

ދެވަނަ ކަމަކަށް، އެސް7ގެ ސެންސާގައި "ޑުއަލް ޕިކްސެލް އޮޓޯފޯކަސް" ހިމެނެ އެވެ. އެއީ އެފީޗާ ސްމާޓްފޯނެއްގައި ހިމެނި ފުރަތަމަ ފަހަރެވެ. އެފީޗާ ހިމެނުމުން ފޮޓޯއެއް ނަގާއިރު ފޯކަސް ކުރަން ނަގާ ވަގުތު ކުޑަވެ ވީޑިއޯއެއް ނަގާއިރު ފޯކަސް ކުރަން ފަސޭހަ ވާނެ ކަމަށް ސެމްސަންގުން ބުންޏެވެ.

މީގެ އިތުރުން، އެސް7 ފޯނުތަކުގައި އަބަދުވެސް ޑިސްޕްލޭ އޮންވެފައި ހުންނަ ފީޗާއެއް ހިމެނެ އެވެ. އެހެންކަމުން ގަޑި ނުވަތަ ދުވަސް ބަލަން އިރުއިރުކޮޅާ ފޯނުގެ ސްކްރީން ޖައްސަން ނުޖެހޭނެ އެވެ.

ގެލެކްސީ އެސް7 ފޯނުތައް ކަޅާއި ރަން ކުލައިން ލިބެން ހުންނާނެ އެވެ. އަދި އެސް7 އެޖް ކަޅާއި ރަން ކުލައާއި ރިހި ކުލައިން ލިބެން ހުންނާނެ ކަމަށް ސެމްސަންގުން ބުންޏެވެ. (ނޫސްއޭޖެންސީތައް)