22 Feb 2016, 11:13
އިންޑިއާގައި ބޭއްވި ޓޫރިޒަމް ފެއާއެއް ކަމަށްވާ ވަން ވޯލްޑް ޓްރެވެލް މާޓް (އޯޓީއެމް)ގައި ރާއްޖެއަށް އެވޯޑެއް ލިބިއްޖެ އެވެ.
ޓޫރިޒަމްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްކަމަށްވާ އީޓީއެން އިން ބުނީ އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި އެ ފެއާގައި ރާއްޖެ އަށް ލިބުނީ "މޮސްޓް އެކްސްކްލޫސިވް ލެޝާ ޕްރޮޑަކްޓް"ގެ އެވޯޑް ކަމަށެވެ.
ވަން ވޯލްޑް ޓްރެވެލް މާޓްގައި ބައިވެރިވީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަނާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެންނެވެ. އެ ފެއާގައި 60 އަކަ މީޓަރުގެ ޖާގައިގައި ގާއިމްކުރި ރާއްޖޭގެ ސްޓޭންޑްގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 15 ކުންފުންޏަކުން 26 މީހަކު ހަރަކާތްތެރިވި އެވެ. އޭގެ އިތުރުން ރާއްޖޭގައި މި އަހަރު ފާހަގަ ކުރަމުން އަންނަ "ރާއްޖެ އަށް ޒިޔާރަތްކުރުމުގެ އަހަރު"ގެ އިޝްތިހާރުތައް އެ ފެއާގައި ކުރި އެވެ.
އިންޑިއާއަކީ މިހާރު ރާއްޖެއަށް ފަސް ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން 2015 ވަނަ އަހަރު އެ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އިންޑިއާ އިން ރާއްޖެ އަށް ޒިޔާރަތްކުރި މީހުންގެ އަދަދަކީ 52368 އެވެ.