ރާއްޖޭގައި މެނޭޖީރިއަލް ލެވެލްގެ ބޭފުޅުންނަށް އަމާޒުކޮށްގެ ފަރުމާކޮށްފައިވާ ކޯހަކާ އެކު އެވިޑް ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އެ ކޮލެޖުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ޒަމާނީ ފެންވަރަށް ޚިދުމަތް ދެމުން އަންނަ މުއައްސަސާތަކަށް އެންމެ ބޭނުންތެރި އެއް ވަސީލަތަކީ އިންސާނީ ވަސީލަތް ކަމަށާއި އެފަދަ ކޯހެއް ފައްޓަނީ ގާބިލް ބޭފުޅުންގެ ލީޑާޝިޕް ކޮލިޓީސް އަށަގެނުވުމުގެ ނިޔަތުގައި ކަމަށެވެ.

މާޗް އިންޓޭކްގައި ހުޅުވާލެވިފައިވާ ފުރުސަތު ތަކަކީ، އެ ކޮލެޖުން ބުނި ގޮތުގައި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ލީޑާޝިޕް އެންޑް މެނޭޖްމަންޓް ކޯހަކާއި ގްރެޖުއޭޓް ޑިޕްލޮމާ އިން މެނޭޖްމަންޓް ކޯހަކާއި މާސްޓާ އޮފް އެޑިޔުކޭޝަން ލީޑާޝިޕް އެންޑް މެނޭޖްމަންޓް ކޯހަކާއި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެއް ކަމަށެވެ.

އެވިޑް ކޮލެޖުގައި ހިންގާ ހުރިހާ ކޯސްތަކަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ގަބޫލުކުރާ ކޯސްތަކެއް ކަމަށާއި އަދި ހަމައެހެންމެ އެވިޑް ކޮލެޖުން ދަސްވެނިވާ ކޮންމެ ދަރިވަރަކަށް އެވިޑް ކޮލެޖުންދޭ ސަނަދަކީ ރާއްޖެ އިން ބޭރުގެ ކޮންމެ ކޮލެޖު، ޔުނިވާސިޓީތަކަކުން ވެސް ބަލައިގަންނަ ސަނަދު ތަކެއް ކަމަށް އެ ކޮލެޖުން ބުންޏެވެ.