ވިލިމާލޭގައި ކުދިންތަކެއް ބެލުމުގައި އިހުމާލުވި މައްސަލައަކާއި އޭގެ ތެރެއިން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ވިލިމާލޭގައި ދިރިއުޅޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި އެގޭގައި ދިރިއުޅޭ އެހެންކުދިން ބެލުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން ތަހުގީގް ކުރަން ފަށާފައިވާ ކަމަށެވެ.

އެމައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ އިރު މައްސަލާގެ ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކަމާ ބެހޭ އިދާރާއަކުން ސަން އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ މައްސަލާގައި ހިމެނެނީ 14 އަހަރުން ދަށުގެ އަށް ކުއްޖަކު ބެލުމުގައި އިހުމާލް ވެފައިވާ މައްސަލައެކެވެ. އޭގެ ތެރެއިން ޖިންސީ ގޯނާ ލިބެމުންދަނީ 14 އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުދިންނަށް ގޯނާކުރާ ކަމަށް ބެލެވެނީ އެކުދިން ކުއްޔަށް އުޅޭ ގޭގެ ވެރި ފަރާތުންނެވެ.

އެކުދިންގެ މަންމަ މާލެއަށް ވަޒީފާ އަށް އަންނައިރު ބައްޕަ ދިރިއުޅެނީ އަތޮޅު ތެރޭގެ ރަށެއްގަ އެވެ. އެ ހުރިހާ ކުދިން ބެލުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ 14 އަހަރުގެ ކުއްޖާ ކަމަށް ސަން އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.