22 Feb 2016, 10:01
އެކެއް ޕޮއިންޓު ފަހެއް ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ރާއްޖޭގައި ދޮވުމުގެ މައްސަލައެއް ކުރިއަށް ގެންގޮސްފައި ވާތީ ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބެލުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ވެއްދީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. އޭނާ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމުން ރިޔާސަތުން ވަނީ އެ މައްސަލައާ ގުޅިގެން ވޯޓަށް އަހައިފަ އެވެ.
އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 18 މެމްބަރުން ވޯޓު ދެއްވި އިރު 29 މެމްބަރުން ވޯޓު ދެއްވީ އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމަށެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން އިމްތިޔާޒު ފަހުމީ ވިދާޅުވީ 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ކަޅު ފައިސާ ދޮވުމުގެ "ޖަރީމާގައި" މިއަދުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ވެރިން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގެ ސާބިތު ހެކިތައް ރާއްޖެ އިން ބޭރުގެ ބައެއް އިންޓަލިޖެންސް އޯގަނައިޒޭޝަންތަކުން ކުރި ތަހުގީގުތަކުން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި އެ ތަހުގީގުތަކުގެ ރިޕޯޓުތައް ބޭރުގެ ބައެއް ސަރުކާރުތަކަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބިފައި ވަނިކޮށް، 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އަދަދަށް ކަޅު ފައިސާ ދޮވުމުގެ އެ ބޮޑު ޖަރީމާގެ ވާހަކަ ރާއްޖޭގެ ބައެއް ނޫސްތަކުގަ އާއި ރާއްޖެ އިން ބޭރުގެ ބައެއް ނޫސްތަކުގައި މިހާރު ހާމަކޮށްފައިވީ ހިނދު، އަދި 1.5 ބިލިއަން ޑޮލަރުގެ އަދަދަށް ކަޅު ފައިސާ ދޮވުމުގެ އެ ބޮޑު ޖަރީމާ ހިންގާފައިވާ ގޮތުގެ ވަރަށް ގިނަ ތަފްސީލްތަކެއް ހާމަކޮށްފައިވީ ހިނދު،" އިމްތިޔާޒު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.
އިމްތިޔާޒު ވިދާޅުވީ ރާއްޖޭ އިން ބޭރުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާ ފަރާތްތައް ތަމްރީނު ކުރުމަށް ބޭނުންވާ ފައިސާ ވެސް ބޭނުން ކުރެވިގެން ދަނީ ކަޅު ފައިސާގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ކަމެއް ކުރެވިފައިވާ ނަމަ އެއީ ރާއްޖޭގެ ހާލަތު އެހެން ލެވެލަކަށް ގެންދާ ކަމެއް ކަމަށެވެ.
"އެ މައްސަލާގައި ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެ މައްސަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި އަދި އެފަދަ ތަހުގީގަކަށް ރާއްޖޭގެ މާލީ އިދާރާތަކުގެ އެއްބާރުލުން ދިނުމަށް ގޮވާލާ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ އަޅުގަނޑު ހުށަހަޅަން." އިމްތިޔާޒު ވިދާޅުވި އެވެ.