22 Feb 2016, 11:03
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ އޮޑިޓް ހެދުމަށް ކުރި މަސައްކަތަށް، ދައުލަތުގެ ޓެކްސް އޮތޯރިޓީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެއްބާރުލުން ދީފައި ނުވާ ކަމަށް ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ކުރީ ރޭ ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކުން ވެސް އޮޑިޓަށް ބޭނުންވާ މައުލޫމާތު ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.
"ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތެރެއިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން ވަރަށް މުހިންމު ރޯލެއް ކުޅުނު ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ މިކަންކަމަށް ހުރަސް އެޅުމަށް،" އޭނާ ވިދާޅުވި އެވެ.
ނިޔާޒު އޮޑިޓަރު ޖެނެރަލް ކަމުގައި ހުންނެވި އިރު އާންމު ފަރާތަކުން ހުށަހެޅި ޝަކުވާ އަކާ ގުޅިގެން އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓެއް ވަނީ ނެރުއްވާފަ އެވެ. އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ އެމްޕީއެލަށް ފަސް މިލިއަން ޑޮލަރު ގަތުމަށް އެމްއެމްޕީއާރްސީ އިން ހިންގި މުއާމަލާތުގައި ވަކި ބަޔަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެއް މިލިއަން ޑޮލަރުގެ ލޯނެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ އާއިލީ އަށް މަންފާ އޮންނަ ކުންފުންޏަކަށް ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
ނިޔާޒު ވިދާޅުވީ އެ މައްސަލަތައް ފެންމަތިވުމާ އެކު، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހަށް ވެސް އެކަން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަމާލުކަމަށް ވެސް އެ މައްސަލަތައް ގެނެސްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ އޮޑިޓަށް ބޭނުންވާ މައުލޫމާތު ނުލިބުމުގެ ސަބަބުން އޮޑިޓު ކުރިއަށް ގެންދަން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
"އޮޑިޓަށް ބޭނުންވާ މައުލޫމާތުތައް ނުދީ ހިފަހައްޓައިގެން ދައުލަތުގެ އެކި އެކި އިދާރާތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި. އޭގެ ތެރޭގައި ދައުލަތުގެ މިނިވަން މުއައްސަސާތައް ވެސް ހިމެނޭ. ވަރަށް ހިތާމަޔާ އެކު ދަންނަވަން ޖެހެނީ،" ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ މީރާގެ ބޯޑު މެމްބަރުންނަށް ސިޓީ ފޮނުވުމުގެ އިތުރުން އެބޭފުޅުންނާ ބައްދަލުކޮށް އޮޑިޓާ ޖެނެރަލަށް ގާނޫނީ ގޮތުން ލިބޭ ބާރުތައް އޮޅުންފިލުވައިދިން ނަމަވެސް އެއްވެސް ސިޓީއަކަށް މީރާ އިން ޖަވާބުދީފައި ނުވާ ކަމަށެވެ.
އެހެންކަމުން އޭރު އެންމެ ފުރިހަމަ ގޮތުގައި އޮޑިޓް ތައްޔާރުކުރުމަށް އޮޑިޓް އޮފީހަށް ހުރަސް އެޅީ އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި މީރާ އިން ކަމަށް ނިޔާޒު ވިދާޅުވި އެވެ. ނިޔާޒު ވިދާޅުވީ ދައުލަތަށް އެވަރުގެ ބޮޑު ހިޔާނާތެއް ވެފައިވަނީ އެ މުއައްސަސާތަކުގެ އިހުމާލުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްބާރުލުން ނުދީ މައުލޫމާތު ހިފަހައްޓައި އޮޑިޓަށް ހުރަސްއެޅި ހުރިހާ ފަރާތްތަކުން ކޮށްފައި ވަނީ ގާނޫނީ ކުށެއް. ގާނޫނީ ފިޔަވަޅު އެޅެން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.
ނަމަވެސް މީރާގެ ޑިރެކްޓާ ޖެނެރަލް، އޮޑިޓް އެންޑް އިންވެސްޓިގޭޝަން ފަތުހުﷲ ޖަމީލް މިއަދު ސަން އަށް ވިދާޅުވީ "އެހެން ދައްކާ ވާހަކަތަކަށް ދޭނެ ކޮމެންޓެއް ނެެތް" ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަރަށް ކުރީގެ މައްސަލައަކަށްވާތީ އެއްޗެއް ވިދާޅުވެވޭނީ ބައްލަވާލެއްވުމަށް ފަހު ކަމަށެވެ.
އޮޑިޓް އޮފީހުން އާންމު ކުރި ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރްސީ އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، 1.22 ބިލިން ރުފިޔާ ނޫނީ 79 މިލިއަން ޑޮލަރަށް ވަނީ ހިޔާނަތްވެފަ އެވެ. ނަމަވެސް ނިޔާޒު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ވެފައިވާ ހިޔާނާތް 3.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.