22 Feb 2016, 09:53
ކާރަކުން މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އުކި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ މާލޭގެ މަގުތަކަށް ބަނގުރާފުޅިތަކެއް އުކި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އެމައްސަލައާ ގުޅިގެން ކާރެއް ވަނީ އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެކާރަކީ ބަނގުރާ އުކި ފަރާތްތަކުން ދުއްވި ކާރެވެ.
ކަޅުތުއްކަލާ ކޮށިން ފެށިގެން ދަރުބާރުގެއާއި މާލޭގެ އެކި ސަރަހައްދަށް ބަނގުރާ ފުޅިތަކެއް އެރޭ އުކާފައިވާ އިރު އެކަންކޮށްފައި ވަނީ ކަޅު ބިއްލޫރި ޖެހި ކާރެއްގައި ދިޔަ ބަޔަކު ކަމަށް މަންޒަރު ދުށް މީހުން ސަންއަށް ކިޔައިދިނެވެ.
އެ ރޭ ވަނީ މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާ އުކާފައެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެއީ ހުޅުމާލޭގައި އޮތް ސަފާރީއަކުން މާލެ ގެނައި ފުޅިތަކެކެވެ. އެފުޅިތައް މަގުތަކަށް އުކާފައި ވަނީ، އެފުޅިތައް ހިފައިގެން ދިޔަ ކާރުގެ ފަހަތުން ފުލުހުން ހަރަކާތްތެރިވާން ފެށުމުންނެވެ.