ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި އައްޑޫގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓަރު މުއިއްޒާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ، އީސީސީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެމުންދާ ކަމަށެވެ.

"ސަރުކާރުން ނިންމާފައި ވަނީ އައްޑޫ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަޝްރޫއު، އާދެ އެއީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ލޯނު އެހީގެ ދަށުން ހެލްތު މިނިސްޓްރީން ކުރިއަށް ގެންދާ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޓަކައި ކޮންވެންޝަން ސެންޓަރަށް ބަދަލުތަކެއް ގެނެސް އެ އިމާރާތުގައި ހޮސްޕިޓަލް ގާއިމް ކުރުމަށާއި އަދި އޭގެ އިތުރަށް ބޭނުންވާ ޖާގަ ކޮންވެންޝަން ސެންޓަރާއި އިންވެގެން އިމާރާތެއް ބިނާކޮށްގެން އެކަންތައް ކުރިއަށް ގެންދިއުމަށް،" މުއިއްޒު ވިދާޅުވި އެވެ.

ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ހައުސިން މިނިސްޓަރާއި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަނީ--- ފޮޓޯ/ މަޖިލިސް

ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެކަމާ ގުޅިގެން ކުރަހަން ޖެހޭ ކުރެހުންތަކާއި ނިންމަން ޖެހޭ ލިޔެކިއުންތައް ހެލްތު މިނިސްޓްރީ އިން ނިންމާފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް ޓަކައި މިއަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

މިނިސްޓަރު މުއިއްޒާ ސުވާލުކުރައްވަމުން ރޮޒެއިނާ ވަނީ އީސީސީގެ ބައެއް ތަކެތި މާލެ ގެނެސް ބައެއް ހަފްލާތަކުގައި ބޭނުން ކުރަމުންދާތީ އެކަމާ ގުޅިގެން ސުވާލުކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އެކަމާ މެމްބަރު ރޮޒެއިނާ ކަންބޮޑުވެވަޑައިގަންނަވާ އިރު، އޮޑިޓާ ޖެނެރަލް އީސީސީއާ ގުޅިގެން ނެރެފައިވާ އޮޑިޓް ރިޕޯޓާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

"އީސީސީއަށް ހޯދުނީ ކޮންކޮން އެއްޗެއްކަމާ އެ ސެންޓަރުގައި ހުންނަން ޖެހޭ ތަކެތި ހަމައަށް ހުރިތޯ ބެލޭނެ ގޮތް ނެތްކަމާއި، އަދި މާލިއްޔަތު ގާނޫނާ ހިލާފަށް ސަދަން ޔޫޓިލިޓީސަށް ހަވާލުކޮށް ކުރި މަސައްކަތްތަކުން ދައުލަތުގެ މާލިއްޔަތަށް 5.9 މިލިއަން ރުފިޔާ ގެއްލުންވެފައިވުމާއި އެމްއެންޑީއެފް އާއި ޕޮލިސް ސާވިސްގެ ބޭފުޅުން ގައުމީ މަސައްކަތްތަކުގެ ގޮތުގައި ކުރެއްވި ގިނަ މަސައްކަތްތައް އެކަމާ ބައިވެރި ވެސް ނުވާ ދެ ކުންފުންޏަކަށް ފައިސާ ދީފައިވާ މައްސަލަ އާއި އީސީސީގައި ބެހެއްޓި ދެ ޑިސްޕްލޭ ޔުނިޓު ގަތުމަށް 1.8 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް އޭރު އޮތް އެމްޑީޕީ ސަރުކާރުގެ މެމްބަރުންތަކެއް ހިއްސާވާ ކުންފުންޏަކަށް ދީފައިވާ މައްސަލަ،" މުއިއްޒު ވިދާޅުވި އެވެ.