ވޮޝިންޓަން (ފެބްރުއަރީ 22): އެމެރިކާ ސަރުކާރުން އިންސާފުވެރި ޝަރީއަތެއް ޔަގީންކޮށްދީފި ނަމަ އަނބުރާ ގައުމަށް ހިނގައިދާނެ ކަމަށް އެޑްވާޑް ސްނޯޑެން ބުނެފި އެވެ.

މީގެ ކުރިން އެމެރިކާގެ ގައުމީ ސަލާމަތީ އިދާރާ (އެންއެސްއޭ)ގައި މަސައްކަތް ކުރުމަށް ފަހު ސްނޯޑެން ވަނީ އެއިދާރަ އިން ފޯނުކޯލާއި އިންޓަނެޓް ހަރަކާތްތައް ބަލައިގެން އާއްމުންނަށް ޖާސޫސުކުރާކަން ހާމަވާ ސިއްރު ލިޔުންތަކެއް ލީކުކޮށްފަ އެވެ. އޭގެ ފަހުން އެމެރިކާ އިން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރުމުން ސްނޯޑެން ވަނީ ރަޝިއާ އިން ހިމާޔަތް ހޯދައިފަ އެވެ.

ގޫގުލް ހޭންގްއައުޓްސްގެ ޒަރިއްޔާ އިން އެމެރިކާގެ ނިއު ހޭމްޕްޝަޔާ ލިބަޓީ ފޯރަމްގެ ބައިވެރިންނާ ވާހަކަ ދައްކަމުން ސްނޯޑެން ބުނީ އޭނާ ސަރުކާރުގެ ސިއްރު މައުލޫމާތު ލީކް ކުރި މައްސަލަ ކޯޓަށް ހުށަހަޅާނީ އާއްމުންގެ ދިފާއުގައި ކުރި ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި އެމައްސަލަ ވަކިގޮތަކަށް ނިންމަން ޖެހޭނީ ޖޫރީން ކަމަށެވެ.

"އަހަރެން އެކަން ކުރީ އާއްމުންގެ ދިފާއުގެ ގޮތުގައި ކަމަށް މައްސަލަ ހުށަހެޅޭ ގޮތަށް އަދި ޖޫރީން މައްސަލަ ނިންމާގޮތަށް އިންސާފުވެރި ޝަރީއަތެއް އެމެރިކާ ސަރުކާރުން ޔަގީންކޮށްދީފި ނަމަ އަނބުރާ ގައުމަށް ދާނެ ކަމަށް އަހަރެން ބުނެފައިވާނެ،" ސްނޯޑެން ބުންޏެވެ.

ސްނޯޑެން ވަނީ މީގެ ކުރިން ވެސް ސަރުކާރާ އެކު އެއްބަސްވުމެއް ހަދަން ހުށަހަޅާފަ އެވެ. ނަމަވެސް، އެމެރިކާ ސަރުކާރުން އޭނައާ މުއާސަލާތުކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އެމެރިކާ ސަރުކާރުން ސްނޯޑެންގެ މައްޗަށްކޮށްފައިވާ ޖާސޫސު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 30 އަހަރުގެ ޖަލު ހުކުމް އައުން އެކަށީގެންވެ އެވެ. (ގާޑިއަން)