22 Feb 2016, 09:37
(18 ފެބްރުއަރީގެ އަދަދާގުޅޭ)
ގާތްގަނޑަކަށް އަހަރެއް ދޮޅުއަހަރެއްހައި ދުވަސްވީތަނާ، މަދީނާގައި ޢާއްމުވި ޚަބަރަކީ، މައްކާގެ މުޝްރިކުންގެ ވަރުގަދަ ލަޝްކަރެއް، ފުރިހަމަ ހަތިޔާރާއެކު އައިސް މަދީނާގެ ސަރަޙައްދާ ކައިރިކުރި ޚަބަރެވެ. އެ ލަޝްކަރު ދަތުރުކޮށްފައި އައިސް ބަނޑަހަޖެހީ، އުޙުދުގެ މައިދާނުގައެވެ. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليهوسلّمއަށް ފެނިވަޑައިގަތީ، މަދީނާގެ ރައްކާތެރި ޖޯގްރަފީ ވެށީގެ ފައިދާ ހޯއްދަވައިގެން، ރަށުގައި ތިއްބަވައި، މުޝްރިކުންނާ ކުރިމަތިލެއްވުމެވެ. ނަމަވެސް، ޞަޙާބީންގެ ގިނަ ބޭކަލުންނަށް ފެނިވަޑައިގަތީ، ރަށްބޭރަށް ނިކުމެވަޑައިގެން ހާމަ މައިދާނެއްގައި، ދުޝްމިނުންނާ ކުރިމަތިލެއްވުމެވެ. އިސްލާމީ ތާރީޚުގެ މި މުހިންމު މަޢުރިކާގައި،السّيّدة زينب بنت خزيمةގެ ހިތްވަރުފުޅުގަދަ ފިރިކަލުން އަދާކުރެއްވި ބުޠޫލަތްތެރި ދައުރުގެ ވާހަކަ، އިސްވެދިޔަ ޞަފްޙާތަކުގައި އެވަނީ ބަޔާންކުރެވިފައެވެ. ބަދުރު ހަނގުރާމައެކޭ އެއްގޮތަށް އުޙުދު ހަނގުރާމައިގެވެސް ނަތީޖާއަކަށްވީ،السّيّدة زينبހުވަފަތްވެވަޑައިގަތުމެވެ. މިފަހަރު އެކަމަނާ ހުވަފަތްވެވަޑައިގެންނެވިއިރު އިންނެވީ އާލާސްވެއެވެ. ކުރިންވެސް ދެންނެވި ފަދައިން، މިފަހަރު ލިބިވަޑައިގެންނެވި ހިތި ހިތާމަފުޅުގެ ސަބަބުން، އެކަމަނާ ހައްޔަރުން ނެއްޓިވަޑައިގެންނެވިއެވެ.
زينب-أمّ المؤمنين
އޭރުالسّيّدة زينب بنت خزيمةގެ ޢުމުރުފުޅަކީ ތިރީސް އަހަރުފުޅެވެ. އެމުއްދަތުގެ ތެރޭގައި އެކަމަނާގެ ގެކޮޅުވަނީ ތިންފަހަރަށް ވީރާނާވެފައެވެ. އެކަމަނާ ވަނީ ފިރިކަލެއްގެ ޤިވާމަތުން ތިންފަހަރަށް މަޙްރޫމުވެވަޑައިގެންފައެވެ. ނަމަވެސް މިފަހަރުވެސް އެކަމަނާ ކެތްތެރިކަމުގެ ދާވަނި ދޫކޮށެއް ނުލައްވައެވެ. މިންވަރުފުޅަށް ރުހިވަޑައިގެން، ޝުކުރުވެރިވެވަޑައިގެންނެވިއެވެ. އެގޮތުގައި އިންނަވަނިކޮށް އެއްދުވަހަކު ކުއްލިއްޔަކަށް ލިބިވަޑައިގެންނެވި ޚަބަރަކުން އެކަމަނާގެ ހިތްޕުޅު ހީވީ އުފާފުޅުން ދެ ވަރަލައިގެން އުދުއްސައިގެންފިހެންނެވެ. އާދެ، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليهوسلّمއެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގެން އެކަމަނާއަށް ދަޢުވަތު ދެއްވީއެވެ.
ކައުސާހިބާصلّى اللّـه عليهوسلّمގެ މިހުށަހެޅުއްވުމަކީ، އިސްލާމްދީނަށްޓަކައި ފުރާނަފުޅު ޤުރްބާންކުރެއްވި މުޖާހިދުންގެ އަހްލުޢިޔާލުން ބިކަވެވަޑައިގެންނެވިޔަ ނުދެއްވުމަށްޓަކައި ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ. އެފަދަ ފަރާތްތަކުގެ އަގު ވަޒަންކުރެއްވުމަށް އެހެނިހެން މުސްލިމުންނަށްވެސް ދެއްވި ހިތްވަރު ދެއްވުމެކެވެ.
السّيّدة زينب بنت خزيمة رضى اللّـه عنها،ކައުސާހިބާصلّى اللّـه عليهوسلّمގެ ހުށަހެޅުއްވުން ޤަބޫލުކުރެއްވީ، ވަރަށް އުފާފުޅުންނެވެ. ޝައްކެއްނެތް ގޮތުގައި، އެކަމަކީ އެކަމަނާގެ ނަސީބުފުޅުގެ ތަރި، އެންމެމަތީ ފަލަކުގައި ފިޔަޖަހަން ފެށުމެވެ. މިއީأمّ المساكينއަށްأمّ المؤمنينގެ ޝަރަފު ލިބިވަޑައިގަތުމެވެ.
ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާގެ ކާވެނިފުޅުގެ ރަނަކަށް ދެއްވީ، ހަތަރުސަތޭކަ ދިރުހަމެވެ. މިއީ ކައުސާހިބާصلّى اللّـه عليهوسلّمގެ ފަސްވަނަ ކާވެނިފުޅެވެ. ކައުސާހިބާ އެކަމަނާއަށްޓަކައި،أمّ المؤمنينالسّيّدة عائشة رضى اللّـه عنهاގެ ކޮޓަރިކޮޅާއިأمّ المؤمنينالسّيّدة حفصة رضى اللّـه عنهاގެ ކޮޓަރިކޮޅާ ޖެހިގެން ކޮޓަރިކޮޅެއް ހެއްދެވިއެވެ.أمّ المؤمنين السّيّدة سودة بنت زمعةއާއި،أمّ المؤمنينالسّيّدة عائشةއާއިأمّ المؤمنينالسّيّدة حفصةއެބޭކަނބަލުންގެ އާ އެކުވެރިޔާއަށް ނުހަނު ހިތްޕުޅު ހެޔޮކަމާއެކު، މަރްޙަބާ ވިދާޅުވިއެވެ.السّيّدة زينبއަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލުކޮޅުން އެކަމަނާ މިންޖުކުރައްވަން އޯގާވެރިކަމާއި ހަމްދަރުދީއާއެކު މަސައްކަތްޕުޅު ކުރެއްވިއެވެ. ކައުސާހިބާصلّى اللّـه عليهوسلّمގެ އޯގާވެރިކަމާއިأمّهاتންގެ ރީތި ސުލޫކުގެ ސަބަބުން،أمّ المؤمنين السّيّدة زينب بنت خزيمةގެ ހިތްޕުޅު، އުފާފުޅުން ފަރިވެ ފޮޅުނެވެ.
ނަމަވެސް،أمّ المؤمنين السّيّدة زينب بنت خزيمةގެ ޙަޔާތްޕުޅުގެ އެ ބަހާރު މޫސުން މާކަދިގެއް ނުވިއެވެ. އެކަމަނާގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި އެކަމަނާއަށްޓަކައި ތައްޔާރުކުރެއްވިފައިވާ މަތިވެރި މަޤާމަށް ވާސިލުވެވަޑައިގަތުމުގެ ވަގުތު ޖެހިއްޖެއެވެ. ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި، އެކަމަނާ ކައުސާހިބާصلّى اللّـه عليه وسلّمގެ އަނބިކަނބަލެއްގެ މަޤާމުގައި އިންނެވީ ދެމަސްދުވަހު ނުވަތަ ތިންމަސް ދުވަހުއެވެ. ނަމަވެސް އެންމެ އިތުބާރުހުރި ރިވާޔަތްތަކުގައި ވާގޮތުން، އެކަމަނާ ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި އިންނެވީ އަށްމަސް ދުވަހުއެވެ. (ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާއާ ކާވެނިބައްލަވައިގެންނެވީ ހިޖްރައިން އެއްތިރީސްވަނަ މައްސަރުގައެވެ. އެކަމަނާ އަވަހާރަވީ، ތިރީސްނުވަވަނަ މައްސަރުގައެވެ.)السّيّدة زينب بنت خزيمة رضى اللّـه عنــهاއަކީ ކައުސާހިބާصلّى اللّـه عليه وسلّمގެ އަތްޕުޅުމަތީގައި އަވަހާރަވި ދެވަނަ އަނބިކަނބަލުންނެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރެއްވީ ކައުސާހިބާصلّى اللّـه عليه وسلّمއެވެ. ޤަބުރުފުޅުގައި ވެޑުއްވީ އިތުރު ސާހިބާގެ ބަރަކާތްތެރި އަތްޕުޅުންނެވެ. އެކަމަނާ ފަސްދާނުލެވުނީ، މަދީނަތުލްމުނައްވަރާގެ ޖަންނަތުލްބަޤީޢުގައެވެ.
ޚުލުޤުފުޅު
أمّ المؤمنين السّيّدة زينب بنت خزيمة رضى اللّـه عنــهاއަކީ ނުހަނު އަޅުވެރި، ނުހަނު ކެތްތެރި ބޭކަނބަލެކެވެ. ދިމާވާ ހުރިހާ ޙާލަތްތަކަކާވެސް އެކަމަނާ ކުރިމަތިލައްވަނީ، ނުހަނު ތަނަވަސް ހިތްޕުޅަކާ އެކުގައެވެ. ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވެވަޑައިގަތުމާއި، އެބައިމީހުންގެ ޙާލު އަހުވާލު ބެއްލެވުމަކީ، ޖާހިލިއްޔަ ޒަމާނުގައިވެސް އެކަމަނާގެ ޚާއްޞަ އުފާފުޅެކެވެ. އެކަމަނާގެ ޙަޔާތްޕުޅުގެ ގިނަވަގުތު ހޭދަކުރެއްވީ، އަރަހުށި މާތްاللّـهގެ ޙަޟުރަތަށް ޒިކުރު ކުރެއްވުމާއި ތަސްބީޙަ ވިދާޅުވުމުގައެވެ.
ކުރިންވެސް ދެންނެވި ފަދައިން، ކައުސާހިބާصلّى اللّـه عليه وسلّمގެ ޞުޙުބަތުގައި އެކަމަނާ ހޭދަކުރެއްވީ މަދު މައްސަރުތަކެކެވެ. އެހެންކަމުން، ސީރަތުގެ ޢިލްމުވެރީންނަށް އެކަމަނާގެ ޙަޔާތްޕުޅާ ބެހޭ މާގިނަ ތަފްޞީލުތަކެއް ލިބިވަޑައިގެންފައެއް ނުވެއެވެ.
ޢުމުރުފުޅުގެ މަރްޙަލާތައް
ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ތިންވަނަ އަހަރުއެވެ.
- ކައުސާހިބާصلّى اللّـه عليه وسلّمއާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ތިރީސް އަހަރުފުޅެވެ.
- އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއިރު ކައުސާހިބާصلّى اللّـه عليه وسلّمގެ ޢުމުރުފުޅަކީ ފަންސާސްފަސް އަހަރުފުޅެވެ.
- ކައުސާހިބާصلّى اللّـه عليه وسلّمގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ، އަށްމަސް ދުވަހުއެވެ.
- އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ ތިރީސް އަހަރުފުޅެވެ.
- އެކަމަނާ އަވަހާރަވީ ހިޖްރައިން ހަތަރުވަނަ އަހަރުއެވެ.
- އެކަމަނާ ފަސްދާނުލެވިފައިވަނީ، މަދީނަތުލްމުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.
އަރަހުށި މާތްاللّـه،أمّ المؤمنين السّيّدة زينب بنت خزيمةއަށް ރުއްސުންލައްވާށިއެވެ.
ޙަވާލާ
އުންމަހާތުލް މުއުމިނީން ޕްރޮފެސަރ ޚާލިދު ޕަރުވޭޒު
- ރަޙްމަތުއްލިލްޢާލަމީން ޤާޟީ މުޙައްމަދު ސުލައިމާން ސަލްމާން މަންޞޫރު ޕޫރީ
- އައްރަޙީޤުލްމަޚްތޫމި މައުލާނާ ސަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ
- އުންމަހާތުލް މުއުމިނީން ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު
- ޞަޙާބިޔާތެ މުބައްޝިރާތު މަޙްމޫދު އަޙްމަދު ޣަޟަންފަރު
- އަޒްވާޖެ މުޠައްހަރާތު ޑޮކްޓަރ ޙާފިޡު ޙައްޤާނީ މިޔާން ޤާދިރީ
- ތިޛުކާރެ ސަޙާބިޔާތު ޠާލިބުލްހާޝިމީ
__________________