ސުވާ (ފެބްރުއަރީ 22) : ފިޖީއަށް އެރި ބާރުގަދަ ތޫފާންގެ ސަބަބުން 10 މީހުން މަރުވެ ބައެއް މީހުން ޒަޚަމްވެ މަސްވެރިންތަކެއް ގެއްލި އަދި މާއްދީ ބޮޑެތި ގެއްލުންތަކެއް އެގައުމަށް ލިބިއްޖެ އެވެ.

ވިންސްޓަންގެ ނަމުން ނަންދީފައިވާ ތޫފާން ފިޖީއަށްއެރީ 200 ކިލޯ މީޓަރަށް ވުރެ ބާރުގަ ވަޔާއެކުގައި ކަމަށާއި ތާފާންގެ އަސަރު އެންމެ ބޮޑަށްކުރި ސަރަހައްދުތަކުގައިވާ ހަ ވިލެޖެއް އެއްކޮށް ބިމާހަވެފައިވާ ކަމަށް އެގައުމުން ބުނެ އެވެ. އިންސާނީ އެހީ ދިނުމަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މިކާރިސާގެ ސަބަބުން ފިޖީގައި ބަލިމަޑުކަމެއް އުފެދިދާނެކަމުގެ އިންޒާރު ދީފަ އެވެ. ވިންސްޓަންގެ ސަބަބުން އެތައް ހާސްބަޔަކު ހާލުގައިޖެހިފައިވާ އިރު އެމީހުން ވަގުތީ ގޮތުން ހިޔާވަހިކަން ހޯދަމުން ގެންދަނީ ސަރުކާރުގެ އިމާރާތްތަކުގަ އެވެ. ތޫފާންގައި އައި ގަދަވަޔާއި ވިއްސާއާ އެކު ފިޖީގެ ހުޅަނގު ފަޅީގައިވަނީ ފެންބޮޑުވެފަ އެވެ. ފިޖީގެ އިރުމަތީފަޅީގެ ސަރަހައްދުތަކަށް މިތޫފާންގެ ގެއްލުން އެހާ ބޮޑެއްނޫނެވެ.

އަނެއްކޮޅުން ފިޖީގެ ސަރުކާރުން ވަނީ ތާފާން އެރިވަގުތު ކަނޑުމަތީގައި ތިއްބައި ގެއްލުނު ހަތްމީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މީގެ އިތުރުން ފިޖީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސާފު ބޯފެން ނުލިބުމުގެ މައްސަލައެވެ. ނުވަލައްކަ މީހުންގެ އާބާދީ އެއް އޮންނަ ފިޖީއަކީ ފެސިފިކް ކަނޑުގެ ދެކުނުގައި އޮސްޓްރޭލިޔާގެ ކައިރީގައި އޮންނަ ގައުމެކެވެ. ފިޖީއަކީ މަދުމަދުން ތޫފާންތައް އަރާގައުމެވެ. ވިންސްޓަންގެ ނަމުން ނަންދީފައިވާ މި ތޫފާނަކީ ފަހުގެ ތާރީޚެއްގައި އެގައުމަށް އަރާ އެންމެ ބާރުގަދަ ތޫފާންކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ. (ރޮއިޓާސް)