އިނގިރޭސި އެފްއޭ ކަޕްގައި 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށް ޗެލްސީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު އެ މެޗުގައި ސިޓީ އިން ޒުވާން ޓީމެއް ނެރެފައިވާ އިރު އެ މެޗުގެ 35 ވަނަ މިނެޓްގއި އެޑިން ހަޒާޑް ތަނަވަސް ކޮށްދިން ފުރުސަތަކުން ޑިއެގޯ ކޯސްޓާ ވަނީ ޗެލްސީއަށް މެޗުގެ ލީޑް ނަގައިދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓްފަހުން ސިޓީގެ ޒުވާން ފޯވާޑް، ޑޭވިޑް ފައުޕާލާ ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފުރަތަމަ ހާފް ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ނިމުނުއިރު، ދެވަނަ ހާފްގައި ޗެލްސީ ވަނީ އިތުރު ހަތަރު ގޯލު ކާމިޔާބް ކޮށްފައެވެ. އެގޮތުން ދެވަނަ ހާފްގައި ޗެލްސީގެ ގޯލުތައް ކާމިޔާބް ކޮށްދިނީ ވިލިއަން އާއި ގެރީ ކޭހިލް އާއި ހަޒާޑްގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެ މެޗުގައި ކުޅެން އެރި ބާޓްރެންޑް ޓްރައޯރޭއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ގޫސް ހިޑިންކް ބުނީ ސިޓީގެ ފަރާތުން ބަދަލު ތަކެއް ފެނިގެން ދިޔަ ނަމަވެސް އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި މެޗުން މޮޅުވީ ދެވަނަ ހާފްގައި އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކުމުން ކަމަށެވެ.

ސިޓީގެ ކޯޗު މެނުއަލް ޕެލެގްރިނީ ބުނީ އޭނާ ޒުވާން ޓީމެއް ނެރެން ޖެހުނީ މަޖުބޫރު ވެގެން ކަމަށާއި މުހިންމު ގިނަ ކުޅުންތެރިން ތަކަކަށް ރެސްޓްދިނީ ކުރިއަށް ޗެމްޕިއަންސް ލީގްގެ މެޗެއް އޮތުމުން ކަމަށެވެ.