މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޒިކާ ވައިރަސް ރާއްޖޭގައި ފެތުރިފައިވޭތޯ ބެލުމަށް އާންމު ރައްޔިތުންގެ ހަށިގަނޑުން ސާމްޕަލް ނަގަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން މިއަދު "ސަން"އަށް ވިދާޅުވީ ޒިކާ ވައިރަސް ހުރިތޯ ބެލުމަށް މީހުންގެ ގައިން މިހާރު ސާމްޕަލް ނަގަން ފަށާފައިވާ ކަމަށާއި ވަކި އަދަދެއްގެ ސާމްޕަލް ނެގުމުން އެ ސާމްޕަލްތައް ތަހުގީގު ކުރުމަށް ތައިލެންޑަށް ފޮނުވިގެންދާނެ ކަމަށެވެ.

"ވަކިވަރަކަށް ސާމްޕަލް ހަމަކޮށްފައި ފޮނުވާނީ އެއިންނަ ސްޓޭންޑަޑާ އެއްވަރަށް، ސާމްޕަލް ނަގާނީ ވެސް ވަކި ވަރަކަށް ޗެކްކޮށް ހަދާފައި." ތަސްލީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސާމްޕަލް ނަގަން ވިސްނާފައި ވަނީ ހުސްވި އަހަރު ޑެންގީ އެންމެ ގަދަޔަށް ފެތުރިފައިވާ ސަރަހައްދުތަކުން ކަމަށެވެ.

ސާމްޕަލް ނަގަނީ ތިރީގައި މިވާ އަލާމާތްތައް ފެންނަ މީހުންގެ ގައިން:

  • އާދައިގެ ހުމެއް ހުރުން،

  • އާންމުކޮށް ލޯރަތްވުން،
  • ގައިގައި ރަތް ބިހިނެގުން

މިހާތަނަށް ރާއްޖެ އިން ޒިކާ ވައިރަސް ފެނިފައެއް ނުވެ އެވެ.

ޒިކާ ވައިރަސްއަކީ ޑެންގީ އާއި އެއް އާލައިލާއެއްގެ ވައިރަސްއެކެވެ. އެ ބަލީގެ އަލާމާތްތައް ޑެންގީގައި ފެންނަ ފަދައިން ހުން އައުމާއި ގައިގައި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ހިމެނެ އެވެ. ޑެންގީ ބަލީގައި ހުން ގަދަވުމާއި ވަރު ދެރަވުމާއި އެޑްމިޓް ކުރަން ޖެހޭ މިންވަރު މިބަލީގައި ދަށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ. އެ ބައްޔަށް ހާއްސަ ފަރުވާއެއް އަދި ރައްކާތެރިވުމަށް ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މަދިރިން ޖެހޭ ބަލިތަކުން ސަލާމަތް ވުމަށް ޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ލަފާދެ އެވެ.