ސްޕެނިޝް ލީގްގައި މަލާގާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 1-1ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމެއްޖެއެވެ.

އެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތީ ޖުމުލަ 54 ޕޮއިންޓް ލިބިގެން ތާވަލުގެ ދެވަނައިގައެވެ. ހަމަ އެ އަދަދަށް ޕޮއިންޓު ލިބިގެން ގޯލުގެ ތަފާތުން ތިން ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެއްވަނައިގައި 63 ޕޮއިންޓު ލިބިގެން ނުވަ ޕޮއިންޓްގެ ލީޑަކާ އެކު އޮތީ ބާސެލޯނާ އެވެ.

ސްޕެނިޝް ލީގްގައި މަލާގާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މަލާގާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފުރަތަމަ ގޯލެއްޖަހައި ލީޑް ނެގީ ރެއާލް އިންނެވެ. އެ ގޯލު 33 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލަށް ލީޑް އިތުރަށް ފުޅާ ކުރަން ލިބުނު ޕެނަލްޓީ ރޮނާލްޑޯ ވަނީ ބޭކާރު ކޮށްލާފައެވެ.

މަލާގާއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިން ގޯލު 66 ވަނަ މިނެޓުގައި ކާމިޔާބް ކޮށްދިނީ ރައުލް އަލްބެންޓޯސާ އެވެ.

ސްޕެނިޝް ލީގްގައި މަލާގާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އެ މެޗުން މޮޅުނުވެވުނަސް ލީގު އަދި ނުގެއްލޭ ކަމަށާއި ލީގާ މެދު އަދިވެސް އުންމީދު ކުރާ ކަމަށެވެ.

"ބައެއް މީހުން ހީކޮށްފާނެ ލީގު މިހާރު މި ނިމުނީ އޭ. އެކަމަކު އަހަރެން ވެސް އަދި ކުޅުންތެރިން ވެސް އެ ގޮތަކަށް ނުދެކެން. މި ގެއްލުނު ދެ ޕޮއިންޓަކީ ވަރަށް މުހިންމު ދެ ޕޮއިންޓު. ނަމަވެސް ކުރިއަށް ވެސް އެބަހުރި ވަރަށް މުހިންމު މެޗުތަކެއް،" ޒިދާން ބުންޏެވެ.

އޭނާ ބުނީ ކުރިއަށް ހުރި މެޗުތަކަށް މިހާރަށް ވުރެން ބޮޑަށް އިސްކަމެއްދީގެން ކާމިޔާބު ކުރުމަށް މަސަތަކަތް ކުރާނެ ކަމަށާއި ކުޅުންތެރިން ވެސް ތިބީ އެފަދަ ރޫހެއް ގައި ކަމަށެވެ.