އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ރާއްޖޭގެ އިތުރުން ދިވެހިބަހުން ވާހަކަ ދައްކާ ހަމައެކަނި ރަށް، މަލިކުގައި ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ދިވެހިބަހާ އެއްގޮތްކަމެއް ހުންނަ އަދި ލަފުޒުތައް ވެސް ދިވެހިބަހުން ބޭނުންކުރާ މަލިކުގައި އެމީހުންގެ ބަހަށް ކިޔަނީ މަހަލް ބަހެވެ. ބަހުގެ މާހިރުން ވިދާޅުވާ ގޮތުން މަހަލް ބަހަކީ ދިވެހި ބަހާ ވަރަށް ގުޅުން ހުރި ދިވެހި ލަފްޒުތަކާއި އެ ބަހުގެ ލަފަޒުތަކާ ގުޅުން ހުރި ބަހެކެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް މަލިކުގައި ހިންގި ހަރަކާތްތައް -- ފޮޓޯ -- އެފްބީ

މާދަރީ ބަހުގެ ދުވަސް ފާހަގަކޮށް މަލިކުގެ ސްކޫލު ކުދިން ވަނީ އެގައުމުގެ ސަގާފީ ހެދުމާ އެކު ޕިކަޕު ބުރެއް ޖަހައިފަ އެވެ. އެމީހުން ޕިކަޕު ބުރުޖަހަން ތައްޔާރުކޮށްފައި ހުރި ޕިކަޕުގައި ވެސް ހުރި ދިވެހިން ބޭނުންކުރާ ތާނަ އަކުރު ބޭނުންކޮށްގެން ލިޔެފަ އެވެ. އެގޮތުން ހ. ށ. ވެސް އެންމެ ފަހު އަކުރާ ޖެހެންދެން ބޮޑެތި ޕޯސްޓަރުތަކުގައި ލިޔެފައި ހުއްޓެވެ.

"ބަހަކީ ސަމާޖުގެ ބިންގާ" މާނައަކީ ބަހަކީ މުޖުތަމައުގެ ބިންގާ އެވެ. އެހެން ލިޔެފައިވާ ޕޯސްޓަރެއް ވެސް ޕިކަޕުގައި ވަނީ ތަތްކޮށްފަ އެވެ. ފޭސްބުކްގައި ޕޯސްޓުކޮށްފައިވާ އެފޮޓޯތަކަށް ދިވެހިން ވަނީ ހިޔާލު ފާޅުކޮށް ބަހުސްކޮށްފަ އެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް މަލިކުގައި ހިންގި ހަރަކާތްތައް -- ފޮޓޯ -- އެފްބީ

"ހާއިން ޔަވިޔަންޏާ ހަމައަށް ލިޔެފައި އެ އޮތީ ދިވެހިން މިހާރު ވެސް ބޭނުންކުރާ ތަރުތީބުން. އެހެެންނަމަވެސް އޭގެ ފަހަށް ހުރި އަކުރުތަކުގެ ތަރުތީބު އޮތީ ޖ ޗ ޒ ޓ ޕ ޔ. މަލިކު ބަހުގެ އުސްތާޒު މަރުހޫމު އަލީ އިސްމާއިލް ފަތްތޫރައިގެ 168 ވަނަ އަދުދުގައި ލިޔުއްވާފައި އޮތްގޮތުން އެއީ އިހު ތާނައިގެ އަކުރުތައް އިހު އޮތް ތަރުތީބު" މަހަލް ބަހުގެ ތާނަ އަކުރުގެ ތަރުތީބާއި ބެހޭ ގޮތުން ފޭސްބުކްގައި މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެ އެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް މަލިކުގައި ހިންގި ހަރަކާތްތައް -- ފޮޓޯ -- އެފްބީ

ދިވެހި ބަސް އެހެން ގައުމެއްގެ ބަޔަކު ބޭނުންކުރާތަން ފެނުމަކީ "އުފާވެރި މަންޒަރެއް" ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ. ދިވެހި ބަހުގެ އެކަޑަމީގެ ރައީށް އަޝްރަފު އަލީ 'ސަން' އަށް ވިދާޅުވީ ދިވެހި ބަސް އެހެން ބަޔަކު ބޭނުންކުރާތަން ފެނުމަކީ އުފާވެރި ކަމެއް ކަމަށެވެ.

"މަލިކުގެ މަހަލް ބަހުގެ ލަފްޒުތަކަކީ ދިވެހި ލަފްޒުތަކާއި ވަރަށް ގުޅުން ހުރި ލަފްޒުތަކެއް. ދިވެހި ބަސް އެހެން ބަޔަކު ބޭނުންކުރުމަކީ ދިވެހި ބަހަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. ދިވެހި ބަހުން ވާހަކަ ދައްކާ މީހުން އިތުރުވެގެންދާނެ، އެއީ މަހަލް ބަހަށް ލިބޭ ކުރިއެރުމެއްގެ އިތުރުން ދިވެހިބަހަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް." އަޝްރަފު ވިދާޅުވި އެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް މަލިކުގައި ހިންގި ހަރަކާތްތައް -- ފޮޓޯ -- އެފްބީ

ދިވެހިންނަކީ އަބަދުވެސް އަމިއްލަވަންތަ ސަގާފަތަކާއި ބަހެއް އޮތުމުން އެކަމާއި ފަހުރުވެރިވާ ބައެކެވެ. އަދި ފަހުވެރިވުން ހައްގުކަމެއްގެ ގޮތުގައި ދިވެހިންދެކެ އެވެ. އެހެންކަމުން އެހެން ގައުމެއްގެ ބަޔަކު ދިވެހި ބަސް ބޭނުން ކުރުމަކީ ދިވެހިންނަށް ލިބޭނެ އަދި މާބޮޑު ޝަރަފެކެވެ.