21 Feb 2016, 22:18
އަސްހަދު ޢަލީ (އަޑޭ)ގެ ރިޕްލޭސްމެންޓެއް މުޅި ރާއްޖޭގައި ވެސް ނެތް ކަމަށާއި އޭނާ ނެތި އޭއެފްސީ ކަޕަށް ދާން ޖެހުމަކީ ފޫބައްދަން އުނދަގޫ ގެއްލުމެއް ކަމަށް މާޒިޔާގެ ކޯޗު ޢަލީ ސޫޒޭން ބުނެފި އެވެ.
ކްރިމިނަލް ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުލް ބާރީ ޔޫސުފްގެ "ފޮޓޯއެއް ނެގިކަމުގެ ތުހުމަތުގައި" ފުލުހުން ވަނީ އަޑޭ ހައްޔަރު ކޮށްފައެވެ.
އަޑޭ ހައްޔަރު ކުރިއިރު، އަންގާރަ ދުވަހު އިންޑިއާގެ މޯހަންބާގަންއާ ދެކޮޅަށް މާޒިޔާ ކުޅެން ހަމަޖެހިފައިވާ މެޗުގައި މާޒިޔާއިން އެޓިމުގެ ސްކޮޑްގައި ހިމެނި ކުޅުންތެރިންގެ ތެރޭގައި އަޑޭ ހިމެނެ އެވެ.
މޯހަންބާގަންއާ ދެކޮޅަށް އަންގާރަ މިރޭ އިންޑިއާ ފުރުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ސުޒޭން ބުނީ އެކަމަކީ އަޑޭ ކުރި ކަމެއް ކަމެއް އޭނާ (ސުޒޭން) އަށް ނޭންގޭ ކަމަށާއި އެކަން ޔަގީން ކުރަން އެނގޭނީ އަޑޭއާ ވާހަކަ ދެއްކުމަށްފަހު ކަމަށެވެ.

ދިވެހި ސަޕޯޓަރުން އަޑުބަރޭ ގައިގައި ބައްދާލަނީ-- ސަން ފައިލް ފޮޓޯ
"ބޭރު ތެރޭގައި އެކި ވާހަކަ އެކިގޮތަށް ދެކެވޭ. އެހެންވީމަ އަޅުގަނޑަކަށް އެއްގޮތަކަށް ނޭންގެ އަޑޭއަށް ދިމާވާގެން އުޅޭ ކަމެއް. ޔަގީންކޮށް އެނގޭނީ އަޑޭއާ ވާހަކަ ދެއްކީމަ. މީހަކު ބުނާހާ އެއްޗެއް ގަބޫލު ކުރާ މީހެއް ނޫން އަޅުގަނޑަކީ. އަޑޭއަކީ އެހާ ހިސާބަށް ވެއްޓޭނެ މީހެއް ނޫން ކަންނޭންގެ،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ ގަވާއިދުން ޕްރެކްޓިސްއަށް ނުކުތް ކުޅުންތެރިޔަކަށް އެހްނެ ދިމާވުމަކީ ދިމާވި ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
އަދި އޭއެފްސީ ކަޕްގެ ފުރަތަމަ މެޗް މިހާ ކައިރިވެފައިވަނިކޮށް މާޒިޔާ އާއި ގައުމީ ޓީމުގެ މިހާ ސީނިއާ ކުޅުންތެރިޔަކު ތާށި ވުމަކީ މާޒިޔާގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމަށްވެސް ލިބޭނެ ގެއްލުމެއް ކަމަށެވެ.
އަދި އޭނާ ނެތްތަން ފޫބެއްދުމަށް އުނދަގޫ ވާނެ ކަމަށާއި ދެން އޮތީ ހުރިހާ ކުޅުންތެރިން މަސައްކަތްކޮށްގެން އެ ޖާގަ ފިލް ކުރުން ކަމަށް ސުޒޭން ބުންޏެވެ.