ރާއްޖޭގެ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވުމާ ގުޅިގެން މަޝްވަރާތައް އަވަސް ކުރުމަށް އެއްބާރުލުން ދިނުމަށް އދ. އިން ނިންމައިފި އެވެ.

އދ.ގެ އެސިސްޓެންޓް ސެކެރެޓެރީ ޖެނެރަލް މިރޯސްލާވް ޖެންސާ އާއެކު ރައީސް ޔާމީން ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އެ މަޝްވަރާތަކުގައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ މެދުގައި އިތުބާރު އުފެދިގެންދާނެ ކަމެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އދ.ގެ އެސިސްޓެންޓް ސެކެރެޓެރީ ޖެނެރަލް މިރޯސްލާވް ޖެންސާ އާއި އެކު ރައީސް ޔާމީން މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ / ރައީސް އޮފީސް

"ސިޔާސީ ޕާޓީތަކާ އެކު ކުރެވޭ މަޝްވަރާތަކުގެ ސަބަބުން އިގްތިސާދީ މަޝްރޫއުތަކަށް އިތުރަށް ފޯކަސް ކުރުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެ،" ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ސިޔާސީ ޕާޓީތަކާ އެކު ކުރާ މަޝަވަރާތައް އަވަސް ކުރުމަށް ވެދެވެން އޮތް ހުރިހާ އެހީއެއްވުމަށް އދ. އިން ވަނީ އެއްބަސްވެފަ އެވެ.

އިދިކޮޅުފަރާތްތަކާ އެކު މަޝްވަރާތައް ބޭއްވުމަށް ރައީސް ޔާމީން ދައުވަތު އެރުވި ނަމަވެސް އެ ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދާލަތު އަދި އެމްޑީޕީން ވެސް ބުނެފައި ވަނީ މަޝްވަރާތަކުގައި ބައިވެރި ވާނީ ޖަލަށް ލާފައިތިބި ސިޔާސީ ލީޑަރުން މިނިވަން ކުރުމުން ކަމަށެވެ.