ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަދި ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހައަށް ފޭސްބުކް މެދުވެރިކޮށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ސްރީލަންކާ މީހަކު ހޯދަން ކޯޓުން އަމުރުކޮށްފި އެވެ.

ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ގިހާން ޕިލަޕިޓިޔާ ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް ސީއައިޑީއާ ހަވާލު ކުރުމަށެވެ. ސީއައިޑީ އިން ބުނާ ގޮތުން ފޭސްބުކް މެދުވެރިކޮށް ސިރިސޭނާ އަދި ރަނިލްއަށް ފޮނުވި އިންޒާރަކީ ސީރިއަސް އިންޒާރެކެވެ.

ފޭސްބުކް މެދުވެރިކޮށް ސިރިސޭނާ އަދި ރަނިލްއަށް އިންޒާރު ދީފައި ވަނީ ސުމާލް ލަކްމަނާ ކިޔާ ނަމެއްގައި ހަދާފައި އިން ފޭސްބުކް އައިޑީއަކުންނެވެ. އެ އައިޑީއިން އާންމުކޮށްފައިވާ ވޮއިސް މެސެޖެއްގައި ބުނެފައި ވަނީ އޭނާއާ ބައިވެރިވެގެން ރައީސް ސިރިސޭނާ އަދި ރަނިލްއަށް ހަމަލާދޭންކެރޭނެ ވަރުގަދަ ފަހުލަވާނެތް ހުރިތޯ އެވެ.

އިމިގްރޭޝަން ޑިޕާޓްމެންޓުން ބުނާ ގޮތުން އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ވަނީ މީގެ ތިން އަހަރު ކުރިން 2013 ވަނަ އަހަރު ގައުމުން ގޮސްފަ އެވެ.