21 Feb 2016, 21:01
ގެއެއްގެ ދޮރޯށި ހަލާކުކޮށްލައި ދޮންކެޔޮގަނޑަކަށް ގެއްލުން ދިން މައްސަލައަކާއި ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުމުގެ މައްސަލައެއްގައި މީހަކު 1 އަހަރާއި 2 މަހުގެ މުއްދަތަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށީ ކޯޓުން ހުކުމް ކޮށްފި އެވެ.
ދައުލަތުން އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އާއި ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ހުކުމްކޮށްފައި ވަނީ ހދ. ކުޅުދުއްފުށި، ކަސްތޫރިގެ، އަހްމަދު ޢަލީ، 27، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގައި ބުނަނީ ޖޫން 9، 2009 ވަނަ ދުވަހު އަހްމަދު ޢަލީ އާއި އިތުރު މީހަކާދެމެދު ހިނގި ހަމަނުޖެހުމެއްގައި ގެއަކަށްވަދެ ޒުވާބު ކުރާތީ އެގެއިން ނެރެ ދޮރޯށި ބަންދުކުރުމުން، އަހްމަދު ޢަލީ އެ ދޮރޯށީގައި ތަޅައި، އެ ދޮރޯށީގެ ތިރީބަޔާއި، އެތާ ކައިރީގައި ބަހައްޓާފައި ހުރި ދޮންކެޔޮގަނޑެއް ހަލާކުކޮށްލާފައިވާ ކަމަށެވެ.
ދައުވާ ބެލުމަށްފަހު ކޮށްފައިވާ ހުކުމުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ހެކިބަހުގެ މައްޗަށް ބާރުދޭ ގުޅިފައިވާ ގަރީނާތަކުން މި ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން، މި ކުށުގެ އުގޫބާތެއްގެ ގޮތުން އަޙްމަދު ޢަލީ 2 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށް ވެސް މައްސަލަ ބެލި ގަޒިއްޔާގައިވެ އެވެ.
ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުގެ މައްސަލައާ ގުޅިގެން އަޙްމަދު ޢަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނަނީ 2015 ސެޕްޓެމްބަރު ތިން ވަނަ ދުވަހުގެ ރޭ އަޙްމަދު ޢަލީ މީހަކާ ޒުވާބުކޮށް މާރާމާރީ ހިންގާކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު، އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭތީ، ކުޑަކަމުދާތަކެތި ދިނުމަށް އޭނާއަށް ފުލުހުން އެންގުމުން، ކުޑަކަމުދާތަކެތި އެޅުމަށް ދިން ކަޕަށް ކުޅުޖަހާ ކުޑަކަމުދާތަކެތި ގަޑުބަޑުކޮށްފައި ވާތީ، އަޙްމަދު ޢަލީގެ މައްޗަށް ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.
މި މައްސަލަ ބެލުމަށްފަހު ކޮށްފައިވާ ހުކުމުގައި ބުނަނީ، އަޙްމަދު ޢަލީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ ހެކިންގެ ހެކިބަހުން ސާބިތުވާތީ، 1 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.