21 Feb 2016, 19:12
ބ. ތުޅާދޫގައި ކައިވެނިން ބޭރުން ވިހެއުމަށްފަހު ފާހާނާގެ ފެންހިންދާތަނުގެ ތެރެއަށް ތުއްތު ދަރިފުޅުގެ ހަށިގަނޑުލައި މަރާލި މައްސަލާގައި ކުއްޖާގެ މަންމަ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލައިފި އެވެ.
މިދިއަ އަހަރު ޖުލައި މަހުގެ 29 ވަނަ ދުވަހު ފާހާނާގައި ވިހެއުމަށްފަހު ފެންހިންދާ ވަޅުތެރެއަށް ލާފައިވަނިކޮށް އެ ކުއްޖާ ފެނިފައި ވަނީ ކުއްޖާގެ މާމައަށެވެ.
އަމިއްލަ ދަރިފުޅު މަރާލި މައްސަލާގައި ދައުލަތުން ފާރިހާ އަބްދުއްރަހުމާނުގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ. އެއީ އިންސާނާގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދެއްކުމުގެ ދައުވާ އާއި މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމާއި، ދަރިން ބެލެއްހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާ ނުލާ ދޫކޮށްލުމުގެ ދައުވާ އެވެ. އެ ދެ މައްސަލާގެ ފުރަތަމަ އަޑުއެހުން މާދަމާގެ 10 އެއް ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
ފާރިހާ ވިހެއި ކަމާއި ދަރިފުޅު އޮތީ މަރުވެފައިކަން އެރަށު ސިއްހީ މަރުކަޒަށް އެނގީ ވިހެއި އަންހެން ކުއްޖާގެ މަންމަގެ ފަރާތުންނެވެ. އެ ރަށުމީހުން ބުނާ ގޮތުން ވިހޭއިރު ފާރިހާގެ ބަނޑަށް ހަތްމަހެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރެވެ. އެނގިފައިވާ ގޮތުގައި ސިއްހީ މަރުކަޒަށް ގެންދިޔައިރު ތުއްތު ކުއްޖާ އޮތީ މަރުވެފަ އެވެ. ޑޮކްޓަރުން ބުނާ ގޮތުން ނަމަ އޭރު ވިހެއިތާ 48 ގަޑިއިރު ވެދާނެ އެވެ.
ފުލުހުންގެ ތަހުގީގަށް ކުއްޖާ މާލެގެނައުމަށް ފަހު ތަހުގީގު ނިންމާ އެކުއްޖާ ވަޅުލާފައި ވެސް ވަނީ މާލޭގަ އެވެ. އެމައްސަލާގައި ފާރިހާ ހައްޔަރުކޮށްފައި ވަނީ މިދިއަ އޮގަސްޓު މަހުގެ ތިންވަނަ ދުވަހު އެވެ.