ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ، އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯ ނަގައި އޭނާ އަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި ގައުމީ ޓީމުގެ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ)ގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ތިން ދުވަސް ޖަހައިފި އެވެ.

ކޯޓުން އޭނާގެ ބަންދަށް ތިން ދުވަސް ޖަހާފައި ވަނީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު ކޯޓަށް ހާޒިރު ކުރުމުންނެވެ.

ކޯޓު އަމުރަކާއެކު އަޑުބަރޭ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 12:45 އެހައިކަންހާއިރު އަމީނީމަގު ހެޕީ މާކެޓު ކައިރިންނެވެ.

ގާޒީ ބާރީގެ ފޮޓޯއެއް ނަގައި އޭނާ އަށް އިންޒާރުދިން މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުންނެވެ.

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ ބާރީ ސޮއިކުރައްވައި ފުލުހުންނަށް ފޮނުވި ސިޓީއާ އެކު ފޮޓޯ ނެގި މީހާ ދުއްވި ސައިކަލް ނަންބަރު އަންގައިދޭ ފޮޓޯ އެއް ފުލުހުންނަށް ފޮނުވާފައިވެ އެވެ.

"ކަލޭގެ ފޮޓޯއެއް ނަގަން އެބަޖެހޭ. ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރެމެންނަށް އެނގޭ. ކަލޭމެން ހަދާއެއްޗެއް ހަދާށޭ. ތިމަންނަ ކަލޭގެ ފޮޓޯއެއް ނަގާނަމޭ،" ގާޒީ ބާރީއާ ދިމަލަށް އެމީހާ ބުނި ކަމަށް ކްރިމިނަލް ކޯޓުގެ ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީގައި ގާޒީ ބާރީ އެދިވަޑައިގެންފައި ވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެމީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށެވެ.

އަޑުބަރޭ ހައްޔަރު ކުރުމުން އެމްޑީޕީ އިން ވަނީ އެކަން ކުއްވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.