21 Feb 2016, 21:04
ވޭތުވެދިޔަ ދުވަސްތަކުގައި ސިއްހީ ދާއިރާއަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި އަލްޓްރާ ސައުންޑު ސްކޭން ހިދުމަތް ތައާރަފުކޮށް، ތުންފަތާއި ތަލީގެ އައިބު އޮޕަރޭޝަން ކުރުމުގެ ކޭމްޕު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާގައި ބޭނުންވާ ހިދުމަތްތައް ނުލިބިގެން ވޭތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންގެ ޝަކުވާތައް އިތުރު ވެފައިވާ ކަމަށެވެ.
"ނަމަވެސް ސިއްހީ ދާއިރާ އަލުން އާ އުސްމިންގަނޑަކަށް ނަންގަވާ އިންގިލާބެއް ގެނެސްދެއްވާފައި ވަނީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް ޔާމީން އަބްދުލް ގައްޔޫމް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތްތައް ލުއި ފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ރައީސް ޔާމީން ލަފާ ދެއްވާ އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށެވެ.
"...އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން އަޅުގަނޑުމެންނަށް ސިއްހީ ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ ތަކެތި އަދި ހިދުމަތްތެރިން ގާއިމުކޮށްފައި ވެސް އެފަދަ ލަފާފުޅުތަކެއް ދެއްވާފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތް ދޭއިރު، އެއްވެސް ފަރާތަކަށް ގެއްލުން ނުދީ، އެފަރާތަށް އެ ފަރާތުގެ ހައްގުތައް އެދެވޭ ގޮތެއްގައި ދިނުމަށް މަސައްކަތް ކުރެވޭ ކަމަށެވެ. އަދި ސިއްހީ ހިދުމަތް ދޭ އިރު އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ އެކަން މިނިސްޓްރީ އިން ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.