މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދައުލަތަށް ގެއްލުނު ފައިސާއަށް ވީގޮތް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި ޕީޕީއެމް މަޖިލިސް މެމްބަރުންނަށް އެނގޭނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމް ވާހަކަ ދައްކަވައިފި އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިޔާޒު ރޭ ވިދާޅުވީ އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުންގެ އެކައުންޓަށް ޖަމާވެފައިވާ ކަމުގެ ސާބިތު ހެކި ހުންނާނެ ކަމަށެވެ.

ނަމަވެސް ފައިސާ ޖަމާވީ ކޮން މެމްބަރުންނެއްގެ އެކައުންޓުތަކަށް ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ހަމަގައިމު ވެސް ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންތަކަކަށް ފައިސާ ގޮސްފައި ހުރިކަން އަޅުގަނޑު ހަމަ ހެކި ދައްކަން ޖެހިއްޖެއްޔާ ހެކިދެއްކޭ ވަރަށް ވެސް އަޅުގަނޑު އަތުގައި ހުންނާނެ. ހަމަގައިމު ވެސް އޮޑިޓް އޮފީސް ތެރޭގައި އެ އެއްޗެހި ހުންނާނެ،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ އެ ފައިސާ ހަރަދުކުރީ ކޮން ކަމަކަށް ކަން ނޭނގުނު ނަމަވެސް، ފައިސާތައް މަޖިލިސް މެމްބަރުންގެ އެކައުންޓުތަކަށް ޖަމާވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރުގައި ކަމަށެވެ.

އޭގެ އިތުރުން އޮޑިޓް ގާނޫނަށް އިސްލާހު ގެނައި ދުވަހު، މެމްބަރު ނިހާން ޕީޕީއެމްގެ ހުރިހާ މަޖިލިސް މެމްބަރުންނަށް މެސެޖެއް ފޮނުވި ކަމަށެވެ. އަދި އެ މެސެޖު ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ހަމަ އެދުވަހު ނިޔާޒަށް ފޮނުވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެ މެސެޖުގައި އިންނަނީ ހަނދާން ކުރަން ވާނޭ ހުރިހާ މެމްބަރުންވެސް، އަދީބު ނެގި ފައިސާ އަކީ ތިބޭފުޅުންގެ ބޭނުމަށް އަދީބު ނެގި ފައިސާ އޭ. އެ މައްސަލަ ބޮޑު މައްސަލައަކަށް ހެދި މީހަކީ ނިޔާޒް އިބްރާހިމް ކަން ހަނދާން ކުރާށޭ ވޯޓު ދިނުމުގެ ކުރިން،" ނިޔާޒު ވިދާޅުވި އެވެ.

އެހެންކަމުން އެމްއެމްޕީއާރްސީ އިން ފައިސާތަކެއް ނަގާފައި ވަނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް އެނގިގެން ކަމަށާއި، އެއީ ރޭވިގެން ހިންގި ކަމެއްކަން އެނގޭކަމަށް ނިޔާޒު ވަނީ ވިދާޅުވެފަ އެވެ.

"ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމަށް ނިޔަތް ގަނެ އެބޭފުޅުން އިންތިހާބުތަކުގައި ބޭނުންކުރަން ނެގި ފައިސާކަން އެބަ އެނގޭ،" އޭނާ ވިދާޅުވި އެވެ.

ނިޔާޒުގެ ވާހަކަތަކާ ގުޅިގެން ނިހާނު ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ނިހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ނިޔާޒު ދޮގު ހައްދަވަނީ ކަމަށެވެ.

ނިހާން ވިދާޅުވީ ރާއްޖެ ޓީވީގައި ނިޔާޒު ދެއްކެވި ވާހަކައަކީ އޮޑިޓަރ ޖެނެރަލްގެ މަގާމުން ވަކި ކުރުމުން އެކަމުގެ "ހިތި ފިލުވާލީ" ކަމަށް ބެލެވޭ ކަމަށެވެ.

އަދި ނިޔާޒު ވިދާޅުވި އެސްއެމްއެސް ނުދެއްކޭނެ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

ނިޔާޒު ވަނި ރައްޔިތުންގެ މަޖިލީހަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް އެހާ ބޮޑު ހިޔާނާތެއް ވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މި ހޮވާ މެމްބަރުން، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ހުވާކޮށްގެން ވަދެ ތިބެ އެބޭފުޅުން ފުރަތަމަވެސް ބަލަނީ އަމިއްލައަށް މުއްސަނދި ވެވޭތޯ،" ނިޔާޒު ވިދާޅުވި އެވެ.

އަދި ރާއްޖެއިން މިހާރު ފެންނަމުން މިދަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ މަޖިލީހެއް ނެތުމުގެ ނަތީޖާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.