ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ރަށް ކަރަންޓް ދިނުމަށް ބޭނުން ކުރި ތިން އިންޖީނު އެއްކޮށް ހަލާކުވި މައްސަލައިގެ ތަހުގީގަށް އެ އިންޖީނުގޭގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

އިންޖީނުގޭގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ހައްޔަރުކުރިކަން ސަން އަށް ކަށަވަރުކޮށްދިނީ ތިނަދޫ ކައުންސިލަރެކެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން މިއަދު މެންދުފަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ 44 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ ދެ މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ނެވެ.

ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ހާދިސާގައި އިންޖީނުގޭގައި ހުރި ހުރިހާ އިންޖީނެއް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދައިފަ އެވެ.

އެ ހާދިސާގެ ސަބަބުން ތިނަދޫއަށް ކަރަންޓު ލިބުނީ ފަސް ދުވަސް ފަހުން ނެވެ.