ދިވެހި ޕާސްޕޯޓުގައި ހިމެނޭ އެއްވެސް ކުރެހުމަކީ އެއްވެސް ފަރާތެއްގެ ފޮޓޯއެއްގެ އަސްލެއް ކަމަށް ބަލައިގެން ކުރަހާފައިވާ ކުރެހުމެއް ނޫން ކަމަށް އިމިގުރޭޝަނުން ބުނެފި އެވެ.

ޕާސްޕޯޓުގައި ކުރަހާފައިވާ ފޮޓޯއަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯއަކާއި އެއްގޮތް ކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ވަނީ ހަބަރު ފަތުރައިފަ އެވެ.

އެކަމަށް ރައްދު ދެއްވައި އިމިގުރޭޝަން އިން މިއަދު ބުނީ ދިވެހި ޕާސްޕޯޓުގައިވާ ކުރެހުމާ ވަކިފަރާތަކާ ވައްތަރުކަމަށް މީޑިއާއަކުން ރިޕޯޓު ކުރަމުންދަނީ ހަގީގަތާ ހިލާފު އަދި އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ޕާސްޕޯޓުގައި ހިމެނޭ އެއްވެސް ކުރެހުމަކީ އެއްވެސް ފަރާތެއްގެ ފޮޓޯ، އަސްލެއް ކަމަށް ބަލައިގެން ކުރަހާފައިވާ ކުރެހުމެއް ނޫން ކަމަށް އިމިގުރޭޝަންއިން ބުންޏެވެ.

"ދިވެހި ޕާސްޕޯޓުގައިވާ އެންމެހާ ކުރެހުންތަކަކީ ޕާސްޕޯޓުގެ ޑިޒައިންކުރި ފަރާތުގެ އަމިއްލަ ކުރެހުމެއްކަން ކުރެހުންތެރިއާ ވަނީ އިމިގްރޭޝަނަށް ކަށަވަރު ކޮށްދީފައި. އަދި އިމިގްރޭޝަނުން ބެލިބެލުމުން ޕާސްޕޯޓުގައިވާ ކުރެހުމާ ވައްތަރުކަމަށް ބުނާ ފޮޓޯއަށް ބަދަލު ގެނެސްފައިވާކަން ފާހަގަ ކުރެވޭ." އިމިގުރޭޝަންއިން ބުންޏެވެ.

އެކަން އެކުރަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ރަސްމީ ފަރާތްތަކުން ދިވެހި ޕާސްޕޯޓަށް ތަޢުރީފު ކުރަމުންދާ ދިއުން ހުއްޓުވާ އަދި ދިވެހި ޕާސްޕޯޓުގެ ސެކިއުރިޓީ އާމެދު ކުރަމުންދާ އިތުބާރު ގެއްލުވާލުމަށް ކަމަށްވެސް އިމިގުރޭޝަންއިން ބުންޏެވެ.

ޕާސްޕޯޓުގެ ހުރުމަތްކަނޑާ ސިޔާސީ ގޮތުން ވަކިފަރާތަކަށް މަންފާ ހޯދާ ދިނުމަށް ޕާސްޕޯޓާމެދު ޝައްކު އުފައްދުމަށް ކުރާ މަސައްކަތްތައް މިހާރުން ހުއްޓާލުމަށް އިމިގުރޭޝަންއިން ވަނީ ގޮވާލައިފަ އެވެ. އަދި ޕާސްޕޯޓުގައިވާ ސަފްހާތައް ނަކަލުކޮށް ޕާސްޕޯޓުގެ އަގުވައްޓާލުމަށް މަސައްކުރާ ފަރާތްތަކާ މެދު ޝަރުޢީގޮތުން އެޅެން ހުރި ފިޔަވަޅުތައް ބަލައި އެ ފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުުން ދާނެ ކަމަށް ވެސް އިމިގުރޭޝަންއިން ބުންޏެވެ.