21 Feb 2016, 15:39
އޭއެފްސީ ކަޕްގައި ނުއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުމަށް ސިންގަޕޫރުގެ ބަލެސްޓިއާ ޚަލްސާ މިއަދު މާލެ އައިސްފި އެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް "އެފް"ގައި މިމަހުގެ 23 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ބަލެސްޓިއާ މިއަދު މާލެ އައިސްފައިވާ އިރު ނިއުގެ މެނޭޖްމެންޓްގެ އިސްވެރިން ވަނީ ޓީމަށް މަރުހަބާ ކިޔައިފަ އެވެ.
އެޓީމުގެ ފަރިތަކުރުންތައް މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުރިއަށްގެންދިއުމަށް ހަމަޖިހިފައިވާ އިރު ނިއުރޭޑިއަންޓުން އަންނީ މިދިޔަ މަހުން ފެށިގެން އެ ޓީމުގެ ސްކޮޑް އެކުލަވާލައި ފަރިތަކުރަމުންނެވެ.
ބަލެސްޓިއާގެ ތާރީހުގައި މާގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިނުވާ އިރު އެ ކުލަބަށް މި ފަހަރުގެ އޭއެފްސީ ކަޕުން ޖާގަ ލިބެނީ މިދިޔަ ސީޒަނުގެ ސިންގަޕޫރު ލީގު ކަޕްގެ ރަނަރަޕްކަން ހޯދާފައިވުމުންނެވެ. އަދި އެ ޓީމް ވަނީ 2014 ވަނަ އަހަރު ސިންގަޕޫރު ކަޕް ކާމިޔާބުކޮށް މިދިޔަ އަހަރު ވެސް އޭއެފްސީ ކަޕްގައި ކުޅެފަ އެވެ. ނަމަވެސް އެ ޓީމް ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
ނިއު އާއި ބަލެސްޓިއާ ހިމެނޭ މި ގްރޫޕުގައި ދެން ހިމެނެނީ ހޮންކޮންގް ލީގުގެ ޗެމްޕިއަން ކިޗީ އާއި ފިލިޕީންސް ޔުނައިޓެޑް ކަޕުގެ ޗެމްޕިއަން ކާޔާ އެފްސީ އެވެ. ނިއު ކުޅޭ ދެވަނަ މެޗު އޮންނާނީ މާޗު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ކިޗީއާ ދެކޮޅަށެވެ.
ނިއުގެ އިތުރުން ދެން އެ މުބާރާތުގައި ރާއްޖެ އިން ވާދަކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ކުޅެން މިރޭ ކަލްކަތާ އަށް ފުރާނެ އެވެ.