21 Feb 2016, 15:27
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯ ނަގައި އޭނާ އަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި ގައުމީ ޓީމްގެ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) ވަގުތުން ދޫކޮށްލުމަށް އެމްޑީޕީ އިން ގޮވާލައިފި އެވެ.
އައްސަދު ހައްޔަރު ކުރުމުން އެކަން ކުށްވެރިކޮށް އެ ޕާޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރެއްގެ ފޮޓޯ ނެގުމަކީ ޖިނާއީ ކުށަކަށް ނުވާއިރު ފޮޓޯއެއް ނެގިކަމަށް ބުނެ ކޯޓު އަމުރު ނެރެގެން ދަންވަރު މީހުން ހައްޔަރު ކުރުމަކީ އެޕާޓީ އިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އޭގެ އިތުރުން އެއީ ރައްޔިތުންނަށް ބިރުދެއްކުމަށް ހިންގާ ޣައިރުގާނޫނީ އަމަލެއް ކަމަށް ވެސް އެ ޕާޓީ އިން ބުނެ އެވެ.
އެމްޑީޕީ އިން ބުނީ ފަނޑިޔާރެއްގެ ފޮޓޯއެއް ނަގައިގެން މީހުން ހައްޔަރު ކުރި ނަމަވެސް، ރާއްޖޭގައި ހިންގާ މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ނުބެލޭކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެމްޑީޕީ އިން ބުނީ އެއީ ރާއްޖޭގައި އިންސާފުގެ ހަމަހަމަކަމެއް ނެތްކަމާއި ނާއިންސާފާއި ރައްޔިތުންނަށް ބިރުދެއްކުން އިންތިހާއަށް ގޮސްފައިވާކަން ހާމަވާކަމެއް ކަމަށާއި، އަޑުބަރޭ ހައްޔަރު ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ކޯތު އަމުރަކާ އެކު އަޑުބަރޭ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 12:45 އެހައިކަންހާއިރު އަމީނީމަގު ހެޕީ މާކެޓު ކައިރިންނެވެ.
ގާޒީ ބާރީގެ ފޮޓޯއެއް ނަގައި އޭނާ އަށް އިންޒާރުދިން މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުންނެވެ.
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ ބާރީ ސޮއިކުރައްވައި ފުލުހުންނަށް ފޮނުވި ސިޓީއާ އެކު ފޮޓޯ ނެގި މީހާ ދުއްވި ސައިކަލް ނަންބަރު އަންގައިދޭ ފޮޓޯ އެއް ފުލުހުންނަށް ފޮނުވާފައިވެ އެވެ.
"ކަލޭގެ ފޮޓޯއެއް ނަގަން އެބަޖެހޭ. ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރެމެންނަށް އެނގޭ. ކަލޭމެން ހަދާއެއްޗެއް ހަދާށޭ. ތިމަންނަ ކަލޭގެ ފޮޓޯއެއް ނަގާނަމޭ،" ގާޒީ ބާރީއާ ދިމަލަށް އެމީހާ ބުނި ކަމަށް ކްރިމިނަލް ކޯޓުގެ ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި ގާޒީ ބާރީ އެދިވަޑައިގެންފައި ވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެމީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށެވެ.