ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްރީ ލަންކާ އިން ސުނައިޕަރެއް ރާއްޖެ ގެނައި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ތިން ދިވެހިން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެ ތިން މީހުން ކޯޓުން ދޫކޮށްލީ އިތުރަން ބަންދުގައި ބައިތިއްބަން ކޯޓަށް ނުފެންނާތީ ކަމަށެވެ. ނަމަވެސް އެ ތިން މީހުން ކޯޓުން ދޫކޮށްލީ ކޮން ދުވަހަކު ކަމެއް އޮފިޝަލު ވިދާޅެއްނުވެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި މީގެ ކުރިން ބުނެފައި ވަނީ ލަންކާ ސުނައިޕަރު ރާއްޖެ ގެނައި ދިވެހި ބަޔަކު ފައިސާދީގެން އޭނަ ލައްވައި ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވާ ސުނައިޕަރުގެ މަންމަ ބުނީ އޭނާ ރާއްޖެ އަށް އައީ ވަޒީފާއެއް ހޯދުމަށް ކަމަށެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުން އޭނާ ރާއްޖެ އަށް އައުމުން ކަންތައްތައް ހަމަޖައްސައި ދިން ލަންކާގެ އޭޖެންޓާއި ރާއްޖެ އިން ވަޒީފާ ހޯދައިދޭން ބުނި ރާއްޖޭގެ މީހާގެ މައުލޫމާތު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ދީފައި ވާނެ ކަމަށް ވެސް ސުނައިޕަރުގެ މަންމަ ވަނީ ބުނެފަ އެވެ.