ތުރުކީގެ އަންކާރާގައި ދިން ބޮމުގެ ހަމާލާއެއްގައި އެތައް ބަޔަކު ބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، އެ ގައުމުގެ ރައީސް ރެޖެއްޕް ތަޔިއްޕް އެރެޑުއާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސްގެ މެސެޖުގައި، އެ ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާ އެކު ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ތުރުކީގައި ހިނގި ޓެރަރިޒަމްގެ ފިނޑި އަމަލު ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ހަމައެހެންމެ، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދު ވެސް ސާބިތުކަންމަތީ ތިބޭނެ ކަމަށާއި، އެކަމުގައި ތުރުކީއާއި ބައިނަލްއަގުވާމީ ދުނިޔެއާއެކު ރާއްޖެ އިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

އަދި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ތުރުކީގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ހަމްދަރުދީ ވެސް ރައީސް ވަނީ ފޮނުއްވައިފަ އެވެ.

ތުރުކީގެ ވެރިކަން ކުރާ އަންކާރާގައި ހުރި އަސްކަރީ އުޅާނދަކަށް އަމާޒުކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު ދިން ބޮމުގެ ހަމަލާގައި 28 މީހަކު މަރުވެ، 61 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ.